ކުޅިވަރު

ގައުމީ އަންހެން ވޮލީ މުބާރާތް: އީގަލްސް ބަލިކޮށް ވެމްކޯ ފައިނަލަށް


މިހާރު ކުރިއަށްދާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ކުލަބު އީގަލްސް ބަލިކޮށް ކުލަބު ވެމްކޯ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގައުމީ މުބާރާތުގެ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުލަބް ވޮލީބޯލްއިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވާއިރު، ދެވަނަ ޖާގަ ކަށަވަރު ކުރުމަށް ބުދަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލް މެޗު ވެމްކޯއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުގެ ޕްރަތީބާގެ މޮޅު ކުޅުން މި ސެޓުގައި ފާހަގަވިއެވެ. އަނެއްކޮޅުން އީގަލްސް ޓީމުގެ ފަރާތުން މި ސެޓުގައި ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-15 އިންނެވެ.

މެޗުގެ ދެވަނަ ސެޓުގައި އީގަލްސް ޓީމުގެ ފަރާތުން ފެނިގެންދިޔައީ ތަފާތު ރޫހެއްގައި ކުޅުނު މަންޒަރެވެ. މި ސެޓުގެ ކުރީކޮޅު ވެމްކޯއިން ލީޑު ކުރިނަމަވެސް ކައިރިކައިރީގައި ހެދުނު ގޯސްތަކުގެ ފައިދާ ނަގާ މި ސެޓު އީގަލްސްއިން ގެންދިޔައީ 25- 19 އިންނެވެ.

ޖެހިގެން އައި ތިންވަނަ ސެޓުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މި ސެޓުގައި އީގަލްސްއަށް ލީޑު ނެގޭގޮތް ވަނީ ނުވެފައެވެ، އަދި ސެޓުގެ ފަހުކޮޅު ވެމްކޯއިން ވަނީ ލީޑު ފުޅާކޮށް 25-20 މި ސެޓު ކާމިޔާބުކޮށްފައެވެ. އަދި ހަތަރުވަނަ ސެޓުގައި އީގަލްސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު 25-19 އިން ވެމްކޯއިން ވަނީ ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެރެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ކުލަބު ވޮލީބޯލް އާއި ވެމްކޯއެވެ. އެ މެޗު ޔެސް ޓީވީން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.