ޚަބަރު

ޖަޕާން ކައިރިއަށް އާގުބޯޓެއް ފެތި 18 މީހުން ގެއްލިއްޖެ


ޖަޕާނުގެ ހުޅަނގުދެކުނު ކަނޑަށް މުދާއުފުލާ އާގުބޯޓެއް ފެތި، އޭގެ ފަޅުވެރިންގެ ތެރެއިން 18 މީހުން ގެއްލިއްޖެއެވެ. އާގުބޯޓުން ދަތުރުކުރި ފަޅުވެރިންގެ ތެރެއިން ހަތަރު މީހަކު ކަނޑުމަތިން ސަލާމަތްކޮށްފައިވާ ކަމުގައި ޖަޕާނުގެ ކޯސްޓްގާޑުން ބުނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޖަޕާނުގެ ހުޅަނގުދެކުނުގައިވާ ފަޅުރަށެއް ކަމުގައިވާ ޑެންޖޯ އައިލެންސްގެ އައްސޭރިފަށުގެ ހިސާބުގައެވެ. މިހާތަނަށް ސަލާމަތް ކުރެވިފައިވާ ހަތަރު މީހުންނަކީ ޗައިނާގެ ރައްޔިތުން ކަމުގައި ޖަޕާނުގެ ކޯސްޓްގާޑުން ބުނެއެވެ. އަދި، ގެއްލިފައިވާ 18 މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

މި މަސައްކަތުގައި ކޯސްޓްގާޑުގެ އުޅަނދުފަހަރުގެ އިތުރުން މަތިންދާބޯޓުތައް ވެސް ދަނީ ބޭނުން ކުރަމުންނެވެ. އާގުބޯޓު ދިޔަވާން ފަށާފައިވާ ކަމުގެ މަޢުލޫމާތު ޖަޕާނުގެ ކޯސްޓްގާޑަށް ރިޕޯޓުކޮށްފައި ވަނީ ރޭގަނޑު 11:15 ގެ ފަހުން ކަމަށާއި، އެ ހިސާބުން ފެށިގެން ކޯސްޓްގާޑުގެ އުޅަނދުފަހަރު ހަރަކާތްތެރިވާން ފަށާފައިވާ ކަމުގައި ޖަޕާނުން ބުނެއެވެ.

މި ހާދިސާ ހިނގާފައި މި ވަނީ ޖަޕާނުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. އާގުބޯޓު ފެތުނު ސަރަޙައްދުގެ ފިނިހޫނުމިން ތިން ޑިގްރީ ސެލެސިއެސްއަށް ދަށްވެފައިވާ ކަމުގައި ކޯސްޓްގާޑުން އޮފިޝަލުން ވިދާޅުވެއެވެ. އަދި، ބޯޓު ފެތުނު ފަޅުރަށްތައް އޮންނަ ސަރަޙައްދަކީ ފަސޭހައިން ކައިރިވެވޭ ސަރަޙައްދަކަށް ނުވުމުގެ ސަބަބުން، މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅިފައިވާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.

ޖަޕާނުގެ ކަނޑުގެ ސަރަޙައްދަށް ފެތިފައި ވަނީ ޖިންޓަންގެ ނަން ދީފައިވާ 6,651 ޓަނުގެ މުދާ އުފުލާ އާގުބޯޓެކެވެ. އެއީ، ހޮންގް ކޮންގުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ކަމުގައި ޖަޕާނުގެ އޮފިޝަލުން ބުނެއެވެ. އެ ބޯޓުގެ ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ޗައިނާގެ 14 ރައްޔިތުންނާއި މިޔަންމާގެ އަށް މީހުންނެވެ.