ޚަބަރު

އެންޑީއެމްއޭއިން އޮކްސިޖަން ސިލިންޑަރުގައި ހަރުކުރާ 20 ރެގިއުލޭޓަރު ސިފައިންނަށް ހަދިޔާކޮށްފި


ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން، އެމް.އެން.ޑީ.އެފް މެޑިކަލް ކޯރއަށް އޮކްސިޖަން ސިލިންޑަރގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، އެން.ޑީ.އެމް.އޭ ފަރާތުން މިތަކެތި ހަވާލުކުރެއްވީ، އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް، އަލްފާޟިލް ހިސާން ޙަސަންއެވެ. އަދި އެމް.އެން.ޑީ.އެފްގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އެމް.އެން.ޑީ.އެފް މެޑިކަލް ކޯރގެ ސާޖަން ޖެނެރަލް، ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމް.އެން.ޑީ.އެފްގެ ޖެނެރަލް އޮފިސަރުންނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމް.އެން.ޑީ.އެފް މެޑިކަލް ކޯރގެ ބޭނުންތަކަށް އެން.ޑީ.އެމް.އޭއިން އޮކްސިޖަން ސިލިންޑަރގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާކޮށްފައިވަނީ އިމަޖެންސީ ރެސްޕޮންސް ޚިދުމަތްތަކުގައި އެމް.އެން.ޑީ.އެފް މެޑިކަލް ކޯރގެ ކޭޕަބިލިޓީ އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ދެއްކެވި ވާހަކަފުޅުގައި އަލިފާނުގެ ހާދިސާތަކާއި، ޤުދުރަތީ އެކިއެކި ހާދިސާތައް ދިމާވުމުން، ސިފައިން ހަރަކާތްތެރިވާއިރު އެން.ޑީ.އެމް.އޭގެ ސްޓާފުންވެސް އެ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި އެން.ޑީ.އެމް.އޭގެ ފަރާތުން އެމް.އެން.ޑީ.އެފްއަށް ވެދެއްވާ އެހީތެރިކަމަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.