ޚަބަރު

ލަންކާއަށް ކަނޑައެޅުއްވި އައު ސަފީރަށް ފަތްކޮޅު އަރުވައިފި


ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މއ.މަނާގެ، ޢަލީ ފާއިޒު މިއަދު ޢައްޔަންކުރައްވައި އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި، ޢަލީ ފާއިޒަކީ 2022 ވަނަ އަހަރު މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުކަމުގެ މަޤާމާއި، 2021 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ބޯޑުގައި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ފާއިޒު ވަނީ މީގެ ކުރިން ބ.އަތޮޅުގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވައި، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާފައެވެ. އަދި 2012 ވަނަ އަހަރު ޢަލީ ފާއިޒު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުވެސް ފުރުއްވާފައެވެ.

ލަންކާގެ ސަފީރުކަމުގެ މަޤާމަށް ފާއިޒު އައްޔަން ކުރައްވާފައިމިވަނީ، އެޤައުމުގެ ސަފީރުކަމުގެ މަޤާމުގައި ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގު ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމުންނެވެ.