ޚަބަރު

ޕާކިސްތާނުގެ ގިނަ ސަރަޙައްދުތަކަށް އަދިވެސް ކަރަންޓު ނުދެވޭ


ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ޕާކިސްތާނުގެ ރަށްތަކަށް އަލުން އެ ޚިދުމަތް ގުޅައިދިނުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤައުމުން ބުނެފިއެވެ. ޕާކިސްތާނުން ކަރަންޓުގެ ޚިދުމަތް ކެނޑިފައި ވަނީ ޖަނަވަރީ 23 ވަނަ ދުވަހު، އެ ޤައުމުގެ ގަޑިން ހެނދުނު 7:30 ހާއިރެވެ. 220 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގެ ގިނަ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

ވެރިރަށް އިސްލާމްއާބާދާއި އެންމެ ބޮޑު ރަށް ކަރާޗީގެ އިތުރުން ލާހޯރާއި ޕެޝާވަރުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އަލުން ގުޅައިދިނުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ޤައުމުގެ ގިނަ ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވަނީ، ކަރަންޓު ވިއުގައަށް ކުރިމަތިވި މައްސަލައަކާ ގުޅިގެން ކަމުގައި އެ ޤައުމުގެ ހަކަތައާ ބެހޭ ވުޒާރާއިން ބުންޏެވެ.

އިސްލާމްއާބާދާއި ހުޅަނގުއުތުރުގައިވާ ޕެޝާވަރުގެ ބައެއް ސަރަޙައްދުތަކަށް އެ ޚިދުމަތް އަލުން ގުޅައިދީފައިވީ ނަމަވެސް، ބަނދަރުމަތީ ރަށެއް ކަމުގައިވާ ކަރާޗީއާއި ލާހޯރުގެ ބޮޑު ސަރަޙައްދެއްގެ ރައްޔިތުން އަދިވެސް ދިރިއުޅެމުން ދަނީ ކަރަންޓާ ނުލައެވެ. ކަރާޗީގައި ކަރަންޓުގެ ޚިދުމަތާ ނުލައި 15 މިލިޔަނެއްހާ މީހުން ތިބިއިރު، ލާހޯރުގައި އެ ޢަދަދު 10 މިލިޔަނަށް އަރައެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާ އެކު، ޕާކިސްތާނުގައި ގިނަ ޚިދުމަތްތަކަކަށް ބުރޫއެރިއެވެ. ސްކޫލްތަކާއި ފިހާރަތައް ބަންދުކުރަން ޖެހުނެވެ. އަދި، ފިހާރަތަކާއި ޢާންމުންގެ ގެދޮރުގައި އައިސްއަލަމާރިތަކުގައި ރައްކާކޮށްފައި ހުރި ގިނަ ޢަދަދެއްގެ ކާބޯތަކެތި ހަލާކުވެ، ޢާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނެވެ. މީގެ އިތުރުން ސިނާޢީ މަސައްކަތްތައް ކުރާ ކާރުޚާނާތަކުގެ މަސައްކަތްތައް ހުއްޓުނެވެ.

ކަރަންޓުގެ ޚިދުމަތަކީ ޕާކިސްތާނުގައި އެހާ އިތުބާރުހުރި ގޮތެއްގެ މަތިން ދެވޭ ޚިދުމަތެއް ނޫނެވެ. އަދި، ކަރަންޓުގެ ޚިދުމަތް މެދުކެނޑުން ޢާންމުވެ، ޢާންމު ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާ ބޮޑު މައްސަލައެކެވެ. 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ވެސް މުޅި ޕާކިސްތާނުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، ކަރަންޓުގެ ޚިދުމަތް ފަދަ ޒަރޫރީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ސަރުކާރަށް ދަތިވެފައި ވަނީ އެ ޤައުމުގެ އިޤުތިޞާދީ ހާލަތު ދަށްވުމާއި، ވަސީލަތްތައް މެނޭޖުކުރުމަށް ނުކުޅެދުމުގެ ސަބަބުންނެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް، މި ކަމުގެ އަސަރު ހޮސްޕިޓަލްތަކަށް ކޮށްފައެއް ނުވެއެވެ.