ކުޅިވަރު

ފުރަތަމަ ލެގުގައި ސައުތެމްޕްޓަން އަތުން ނިއުކާސަލަށް މޮޅެއް


އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ސައުތެމްޕްޓަން އަތުން ނިއުކާސަލް ޔުނައިޓެޑް މޮޅުވެއްޖެއެވެ.

ސައުތެމްޕްޓަންގެ ދަނޑުގައި ކުޅުނު މިމެޗް ނިއުކާސްލްއިން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ނިއުކާސްލްއިންނެވެ. ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔަ މިމެޗްގައި ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.

މިމެޗްގައި ނިއުކާސްލްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 73 ވަނަ މިނެތްގައި ޖަހާދިނީ ޖޯލިންޓަންއެވެ. މިމެޗްގެ 86 ވަނަ މިނެޓްގައި ސައުތެމްޕްޓަންގެ ޑޭޖޫ ސެލޭޓާ ކާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައިވެއެވެ. މިމެޗްގައި ސައުތެމްޕްޓަންއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ކަމުގައިވީނަމަވެސް އެ ޓީމުގެ ޗޭ އެޑަމްސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ނިއުކާސްލްގެ ގޯޅްކީޕަރު ނިކް ޕޯޕްވަނީ އެ ދެ ހަމަލާވެސް ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގަށް ނިކުންނައިރު ފައިނަލަށް ދިއުމުގެ ފުރުސަތު މިވަނީ ނިއުކާސްލްއަށް ބޮޑުވެގެން ގޮސްފައެވެ. އެއީ މި މަހުގެ 31 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނިއުކާސްލްގެ ދަނޑުގައި ކަމަށްވާތީއެވެ.