ޚަބަރު

ބީއެމްއެލް ލުއި ލޯނު 1.2 މިލިއަނާއި ހަމައަށް


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ރަހުނަކާ ނުލާ ދުކުރާ ލޯނާއި، ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސްފިއެވެ. އެގޮތުން މިހާރު ރަހުނަކާ ނުލާ 1.2 މިލިއަނާ ހަމައަށް ލިމިޓްވަނީ އިތުރުކޮށްފިއެވެ.

ބީއެމްއެލުން ބުނީ މިހާރު، އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލާ، ލޯނު ދޫކުރަމުންދާނީ "ބީއެމްއެލް ލުއި ލޯނު" ގެ ގޮތުގައި ކަމަށެވެ. އަދި މިހާރު ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިންގ ދޫކުރާނެއެވެ. މި ބަދަލާއެކު، ބޭންކުން މިހާރު ލުއި ލޯނު ދިނުމާއި، ޕަރސަނަލް ފައިނޭންސިންގ ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީ އަށްވެސް ބަލާނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ޕޯޓްފޯލިއޯ އަށް ގެނައި ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް، ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ފަހިވެފައިވާ ކަމަށެވެ.

"ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން." ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

ބީއެމްއެލުން ވިދާޅުވީ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ލުއި ލޯނު އަދި ޕަރސަނަލް ފައިނޭންސިންގއަށް އެދި ހުށަހެޅޭނެކަމަށެވެ. އަދި 5 ދުވަސް ތެރޭ ޕްރޮސެސް ކުރެވޭނެކަމަށްވެސް އެ ބޭންކުން ހާމަކުރެއެވެ.