ޔޫކްރެއިނުގެ އިރުމަތީގައިވާ ސޮލޭދާރު ހިފާފައިވާ ކަމުގައި ރަޝިޔާއިން އަނެއްކާ ވެސް ބުނެފިއެވެ. ސޮލޭދާރަކީ ދޮންބާސް ސަރަޙައްދު އެކުލެވިގެންވާ ޑޮނެޓްސްކްގެ ރަށެކެވެ. ސިނާޢީ މަސައްކަތްތައް ކުރާ އެ ރަށް ރަޝިޔާ ސިފައިންގެ އަތްދަށަށް ގެންގޮސްފައިވާ ކަމުގައި އެ ޤައުމުން މި މަހުގެ ކުރީކޮޅު ވަނީ ބުނެފައެވެ.
ނަމަވެސް، ޔޫކްރެއިނުން އެ ކަން ދޮގުކުރަމުންދާތީ، އެ ކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ޑޮނެޓްސްކް ސަރަޙައްދަށް ރަޝިޔާއިން ޢައްޔަންކޮށްފައިވާ އިސް އޮފިޝަލެއް ކަމުގައިވާ ޑެނިސް ޕުޝިލިން މި ވަނީ އެ ސަރަޙައްދަށް ގޮސް، ވީޑިޔޯއެއް ޢާންމުކޮށްފައެވެ. ސޮލޭދާރް ހިފުމަށް ކުރި މަސައްކަތުގައި އިސް ދައުރެއް އަދާކޮށްފައި ވަނީ ވެގްނަރ ގުރޫޕުގެ ކުލީ ސިފައިންނެވެ.
މައިން ކުރުމުގެ މަސައްކަތް ކުރާ އެ ރަށަށް އޭނާ ދިޔައީ ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ޒުރާބް މަކިއެފްއާ އެކުގައި ކަމަށް އޭނާ ބުންޏެވެ. އޭނާ ޢާންމުކުރި ވީޑިޔޯތަކުން ފެންނަނީ، ރަޝިޔާގެ އަސްކަރީ ޔުނިފޯމުގައި ތިބި ސިފައިންގެ ބަޔަކު ހަރަކާތްތެރިވަމުންދާ މަންޒަރެވެ. ނަމަވެސް، މި ވީޑިޔޯގެ ސައްޙަކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމުގައި މީޑިޔާތަކުން ރިޕޯޓުކުރެއެވެ.
ސޮލޭދާރް ހިފުމަށް ރަޝިޔާއިން ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގައި އެ ރަށް މުޅިންހެން ވަނީ ސުންނާފަތިވެފައެވެ. އެ ރަށް ހިފުމަކީ، އެ ރަށާ އިންވެގެން އޮތް ބަޚްމުތް ހިފުމަށް ރަޝިޔާ ސިފައިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ބަޚްމުތް ހިފުމަށް ރަޝިޔާއިން މަސައްކަތް ކުރަމުންދާތާ މިހާރު މަސްތަކެއް ފާއިތުވެއްޖެއެވެ. ބަޚްމުތަކީ ވެސް މައިން ކުރުމުގެ މަސައްކަތްކުރާ ސިނާޢީ ރަށެކެވެ.
ސޮލޭދާރާއި ބަޚްމުތް ހިފުމަށް ކުރަމުންދާ މަސައްކަތުގައި ރަޝިޔާގެ ސިފައިންގެ އިތުރުން ވެގްނަރ ގުރޫޕުގެ ކުލީ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ބަޚްމުތް ދިފާޢު ކުރުމަށް ޔޫކްރެއިނުގެ ސިފައިން ދަނީ ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ. ޕުޝިލިން ވެސް ވަނީ އެ ކަން ފާހަގަކޮށްފައެވެ. ބުނީ، ބަޚްމުތް ހިފުމަށް ކުރަމުންދާ މަސައްކަތްތަކަކީ ފަސޭހަ މަސައްކަތްތަކެއް ނޫން ކަމުގައެވެ.
ސޮލޭދާރުގައި ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުންދިޔަ ނަމަވެސް، އެ ސަރަޙައްދުގައި އަދިވެސް ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ދިރިއުޅެމުންދާ ކަމަށާއި، އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެގްނަރ ގުރޫޕުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ޕުޝިލިން ބުންޏެވެ. ސޮލޭދާރު ރަޝިޔާ ސިފައިންގެ އަތްދަށަށް ވެއްޓިފައިވާ ކަން އެ ޤައުމުން ހާމަކޮށްފައި ވަނީ ޖަނަވަރީ 13 ވަނަ ދުވަހުއެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައި ހަނގުރާމަ ފަށާފައި ވަނީ 2022 ފެބުރުވަރީ 24 ވަނަ ދުވަހުއެވެ. ޔޫކްރެއިނަށް އެރުމަށް ފަހު އެ ޤައުމުގެ އިރުމަތީގެ ސަރަޙައްދުތައް ހިފުމަށް ރަޝިޔާގެ ފައުޖުތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އަދި، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ޔޫކްރެއިނުގެ އިރުމަތީ ބިތް ރަޝިޔާގެ އަތްދަށަށް ގެންދިޔުމަށް އަސްކަރީ ބޮޑު ކެމްޕޭނެއް ފެށުމަށް ރަޝިޔާއިން ތައްޔާރުވަމުންދާ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ދޮންބާސްގެ މައި ދެ ސަރަޙައްދު ކަމުގައިވާ ޑޮނެޓްސްކާއި ލުހާންސްކަކީ ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާ ދެ ސަރަޙައްދެވެ. އެ ދެ ސަރަޙައްދު މިނިވަން ކުރުމުގެ މަސައްކަތް ފެށުމަށް ޔޫކްރެއިނުގެ ސިފައިން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް، އެ މަސައްކަތް ފެށޭނީ، އެ ޤައުމަށް އިތުރު ހަތިޔާރު ލިބިގެން ކަމުގައި އެ ޤައުމުން ބުނެއެވެ.