ޚަބަރު

ކިއްސަރު ފެއަރ އަށް އާންމުންގެ ބޮޑު ތަރުޙީބެއް


އައްޑޫ ސިޓީގެ ހިތަދޫގައި ބާއްވާ ކިއްސަރު ފެއަރއަށް، ޔޫތު މިނިސްޓްރީން އުންމީދު ކުރެއްވި ވަރަށްވުރެ ރަނގަޅު ތަރުޙީބެއް ލިބުނުކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އައްޑޫގައި މިވަގުތު ހުންނެވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ މުޙައްމަދު ޝަހުނީމް ވިދާޅުވީ އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަކުން ފެއަރއަށް ޒުވާނުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ޔޫތު މިނިސްޓްރީގެ ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން ފެއަރގެ ތެރޭގައި ކުރިއަށް ގެންދަވާ ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކާއި ޖޮބް އިންޓަރވިއު ޓްރެއިނިންގ ސެޝަންތަކަށް ޒުވާނުންގެ ބޮޑު ތަރުޙީބެއް ލިބުނު ކަމަށްވެސް ޝަހުނީމް ވިދާޅުވިއެވެ.38 ސްޓޯލް ހިމެނޭގޮތުން އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ކިއްސަރު ފެއަރއިން ގާތްގަނޑަކަށް 500 ވަޒީފާގެ ފުރުޞަތު އަލަށް ހުޅުވިގެންދާނެ ކަމަށް ފެއަރ އިންތިޒާމްކުރެއްވި ޔޫތު މިނިސްޓްރީން ލަފާކުރައްވާފައިވެއެވެ.މިރޭގެ ނިޔަލަށް އައްޑޫގައި ކުރިއަށްގެންދިޔަ މި ފެއަރއަކީ ޔޫތުމިނިސްޓްރީން މިއަހަރަށް ކަނޑައަޅުއްވާފައި ކިއްސަރު ފެއަރތަކުގެ ތެރެއިން ފުރަތަމަ ފެއަރއެވެ.އައްޑޫގެ އިތުރަށް މިއަހަރު ހދ. ކުޅުދުއްފުށްޓާއި މާލޭގައި ފެއަރ ބޭއްވެވުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމަވާފައެވެ. ކިއްސަރު ފެއަރ އަކީ ޒުވާނުންނަށް ހުރި ވަޒީފާއާއި ތަޢުލީމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވުމަށް ބާއްވަވާ ފެއަރއެކެވެ.