ޚަބަރު

ޕެރޫގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 46 މީހުން މަރުވެއްޖެ


ޕެރޫގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހަމަނުޖެހުމަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު 46 އަށް އަރައިފިއެވެ. ރައީސް ދީނާ ބޮލުއަރްތޭގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނީ ކުރީގެ ރައީސް ޕެދްރޯ ކެސްޓިއްޔޯއަށް ތާޢީދުކުރާ މީހުންނެވެ. ކެސްޓިއްޔޯގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށް، ވެރިކަމުން ދުރުކޮށްފައި ވަނީ 2022 ޑިސެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

ހުސްވި ހަފުތާގެ ތެރޭގައި ކެސްޓިއްޔޯއަށް ތާޢީދުކުރާ މީހުން ވަނީ ވެރިރަށް ލީމާގައި ބޮޑު މުޒާހަރާއެއް ބާއްވާފައެވެ. އަދި، މި ހަފުތާގައި ވެސް ބޮޑު މުޒާހަރާއެއް ބޭއްވުމަށް ސަރުކާރާ ދެކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ދާޚިލީ ވަޒީރު ވިސެންތޯ ރޮމޭރޯ ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކަށް މުޒާހަރާތައް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމުގައެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދު ވެސް މިހާރު ވަނީ 200 އަށްވުރެ މައްޗަށް އަރާފައެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ރައީސް ބޮލުއަރްތޭގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ. ރޮމޭރޯ ވިދާޅުވީ، މުޒާހަރާތަކުގައި ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް ހިންގާތީ، މުޒާހަރާތައް ހުއްޓުވަން ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. މި ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާގެ އެހީތެރިކަން ހޯދަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ކުރިމަތިލުންތަކުގައި ފުލުހުންގެ 540 އޮފިސަރަކަށް ވަނީ އަނިޔާވެފައެވެ.

ބޮލުއަރްތޭގެ އިސްތިޢުފާގެ އިތުރުން އެ ޤައުމުގެ ޤާނޫނު އަސާސީ އިސްލާޙުކޮށް، އައު އިންތިޚާބެއް ބޭއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވައިލަމުންނެވެ. އަދި، މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެ ފަދަ އަމަލުތައް ހުއްޓައިލުމަށް މަދަނީ ޖަމުޢިއްޔާތަކުން ވަނީ ޕެރޫގެ ސަރުކާރަށް ގޮވައިލާފައެވެ.

ނަމަވެސް، ރޮމޭރޯ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި، މުޒާހަރާގެ ބައިވެރިން ހަމަނުޖެހުން ހިންގަމުންދާ ކަމަށާއި، މިއީ 1980ގެ އަހަރުތަކަށް ފަހު އެ ޤައުމަށް ކުރިމަތިވި އެންމެ ހަލަބޮލި، އަދި ހަމަނުޖެހުންތައް ގިނަ އަހަރު ކަމުގައި އޭނާ ވިދާޅުވިއެވެ.

އަދި، މުޒާހަރާތައް އިންތިޒާމުކޮށް، ހަމަނުޖެހުން އުފައްދަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ތުހުމަތުކުރެއްވިއެވެ. މުޒާހަރާތަކުގައި ފަހަތުގައި ތިބީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގުރޫޕުތަކާއި ޤާނޫނާ ޚިލާފަށް މައިންކުރާ ފަރާތްތަކުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ކެސްޓިއްޔޯގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފައި ވަނީ ޕެރޫގެ ޤާނޫނު ހަދާ މަޖިލީސް އުވައިލަން މަސައްކަތް ކުރެއްވުމާ ގުޅިގެންނެވެ. ރައީސް ކަމުގެ މަޤާމުން ދުރުކޮށް، އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ކެސްޓިއްޔޯގެ ބަދަލުގައި ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވި 60 އަހަރުގެ ބޮލުއަރްތޭއަކީ އެ މަޤާމާ ހަވާލުވެ ވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާއެވެ.

ކެސްޓިއްޔޯ ޕެރޫގެ ޤާނޫނު ހަދާ މަޖިލީސް ކަމުގައިވާ ކޮންގްރެސް އުވައިލަން މަސައްކަތް ކުރައްވާފައި ވަނީ، އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރުމުންނެވެ. އެއީ، އޭނާއަށް އިތުބާރު ނެތް ކަމަށް ކަނޑައަޅައި، މަޤާމުން ވަކި ކުރުމަށް ކޮންގްރެސްއިން މަސައްކަތް ކުރި ތިންވަނަ ފަހަރެވެ.

އެއީ، 2018ވަނަ އަހަރަށް ފަހު ޕެރޫގެ ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް މަޤާމުން ވަކި ކުރި ތިންވަނަ ފަހަރެވެ. އޭނާގެ ބަދަލުގައި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ބޮލުއަރްތޭ ވެރިކަން ކުރައްވާނީ ކެސްޓިއްޔޯގެ ރިޔާސީ ދައުރު ނިމެންދެން، 2026 އަހަރުގެ ޖުލައި މަހާ ހަމައަށެވެ.

ޕެރޫއަކީ ސިޔާސީ ގޮތުން ވަރަށް ހަލަބޮލި، ހަމަނުޖެހުން ބޮޑު ޤައުމެކެވެ. 2020ވަނަ އަހަރުގެ އެންމެ ފަސް ދުވަހުގެ ތެރޭގައި އެ ޤައުމުގެ ރައީސް ކަމުގެ މަޤާމާ ތިން ބޭފުޅަކު ހަވާލުވިއެވެ. އަދި، ބޮލުއާރްތޭއަކީ 2016ވަނަ އަހަރަށް ފަހު ޕެރޫގެ ރައީސް ކަމުގެ މަޤާމު ފުރުއްވާ ހަވަނަ ބޭފުޅާއެވެ.