މުނިފޫހިފިލުވުން

ގަދަ 12 ބައިވެރިންހޮވާ، ޕިއާނޯ ރައުންޑުގެ ޝޯވތައް ނިންމާލައިފި


"މޯލްޑިވިއަން އައިޑަލް"ގެ ޕިއާނޯ ރައުންޑުގައި ވާދަކުރި 16 ބައިވެރިންގެ ތެރެއިން ޖަޖުންނާއި، ބެލުންތެރިންގެ އެންމެ ގިނަ ވޯޓާއެކު ގާލާ ރައުންޑަށް ދަތުރުކުރި 12 ބައިވެރިން އިޢުލާންކޮށް، ޕިއާނޯ ރައުންޑުގެ ޝޯވތައް ރޭ ނިންމާލައިފިއެވެ. މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ ރައުންޑް ކުރިއަށް ގެންގޮސްފައިވަނީ 2 ޝޯވއަކަށް ބަހާލައިގެންނެވެ. ތިއޭޓަރ ރައުންޑުން ހޮވުނު ގަދަ 16 ބައިވެރިންގެ ތެރެއިން މިއިން ކޮންމެ ޝޯވއެއްގައިވެސް 8 ބައިވެރިއެއްގެ ހުށައެޅުން ފެނިގެންގޮސްފައިވެއެވެ. މި ދެ ޝޯވއިންވެސް ގަދަ 12 އަށް ހޮވުނު ބައިވެރިން ކަނޑައަޅާފައިވަނީ ޖަޖުންގެ %50 އާއި، ބެލުންތެރިންގެ %50 އިންސައްތަ ވޯޓާއެކު އެންމެ މަތިން މާކްސް ލިބުނު ބައިވެރިންނެވެ. މިރޭގެ ޝޯވގައި ބެލުންތެރިންނާއި ޖަޖުންގެ އެންމެ ގިނަ ވޯޓު ލިބިގެން ގަދަ 12 އަށް ހޮވުނު 6 ބައިވެރިންނަކީ ޝަލަބީ އިބްރާހިމް، ޢަބްދުﷲ ސޯދިޤު، ފާތުމަތު އަޒްލީމާ، ފާތުމަތު ނައްބަތު، މުޙައްމަދު ޒަލީފް ޢަބްދުﷲ އަދި މޫސާ އިޝާނެވެ. ޕިއާނޯ ރައުންޑްގެ ދެވަނަ ޝޯވގައި ލަވަ ހުށައަޅައިދިން 8 ބައިވެރިންގެ ތެރެއިން ޖަޖުންނާއި ބެލުންތެރިންގެ ފަރާތުން އެންމެ މަދުން ވޯޓުލިބިގެން، ޝޯވއިން ވަކިވާން ޖެހުނު 2 ބައިވެރިންނަކީ ސާނިޙް އަލީ އަދި ޢަބްދުﷲ ޒިޔާއުއެވެ.  ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ، މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ ރައުންޑުގައި ޖުމްލަ 16 ބައިވެރިން ވަނީ ވާދަކޮށްފައެވެ. އެގޮތުން މި 16 ބައިވެރިންގެ ތެރެއިން ފުރަތަމަ 8 ބައިވެރިންނާއެކު ޕިއާނޯ ރައުންޑްގެ ފުރަތަމަ ޝޯވ މިދިޔަ ހަފުތާގައި ވަނީ ދައްކާފައެވެ. މިދިޔަ ހަފްތާގެ ޝޯވއިންވެސް ޖަޖުންގެ އެންމެ ގިނަ ވޯޓާއި، ބެލުންތެރިންގެ އެންމެ ގިނަ އެސް.އެމް.އެސް ލިބިގެން 6 ބައިވެރިއަކު ގާލާ ރައުންޑަށް ދަތުރުކޮށްފައިވާއިރު، ހައްވާ ރިޙާނީ އާމިރު އަދި ޝިފާ އިބްރާހިމް ވަނީ މި ޝޯވއާއި ވަކިވެފައެވެ.މޯލްޑިވިއަން އައިޑަލްގެ ކުރީގެ ޝޯވތަކުގައި ބައިވެރިން ކަނޑައަޅާފައިވަނީ ޝޯވގެ 3 ޖަޖުންނެވެ. ނަމަވެސް ޕިއާނޯ ރައުންޑާއެކު ބެލުންތެރިންނަށްވެސް އެސް.އެމް.އެސް މެދުވެރިކޮށް މި ޝޯވގެ ބައިވެރިންނަށް ވޯޓުލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި ވޯޓު ގުނުން ކުރިއަށް ދަނީ ރަނގަޅަށްތޯ ބެލުމަށް އޮޑިޓް ފާމަކާއި ވަނީ ޙަވާލުކޮށްފައެވެ. ރޭގެ ޝޯވއާއެކު ޕިއާނޯ ރައުންޑުގެ ޝޯވތައް ނިންމާލާފައިވާއިރު، ރޭވެސް ބެލުންތެރިންނަށް ހިތްގައިމު ރީތި ހުށައެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ.