ޚަބަރު

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރުން، އިޤްތިޞާދީ ބޮޑު ބަދަލެއް

ކ. ކާށިދޫ ފަޅުގައި ތަރައްޤީކުރާ ރިސޯޓާއެކު އެރަށުގެ ދަނޑުވެރިންނާއި މަސްވެރިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ

ސަރުކާރުންވަނީ ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރުން ހިމެނޭހެން ފަތުރުވެރިކަމުގެ 14 މަޝްރޫޢެއް ބީލަމަށް ހުޅުވާލާފައެވެ. އަލަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ލީޒް އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ކ.ކާށިދޫ އާއި ފ.ނިލަންދޫ ފަޅުން ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަށެވެ. އެގޮތުން މިއިން ކޮންމެ މަޝްރޫޢަކަށް އެންމެ މަދުވެގެން ލީޒް އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 2.2 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ހުޅުވާލުމަށް ނިންމުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދުރުވިސްނުން ދައްކުވައިދޭ ކަމެއްކަމަށެވެ. އަދި ކާށިދޫ ފަޅުގައި ތަރައްޤީކުރާ ރިސޯޓު އެންމެ ގިނަވެގެން ކުރިއަށް އޮތް 3 އަހަރުދުވަސްތެރޭ ނިމިގެންދާނެ ކަމަށާއި، އެ ރިސޯޓު ހުޅުވިގެން ދިޔުމުން ކާށިދޫގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން މިނިސްޓަރ މަައުސޫމްވަނީ ފާހަގަކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ފަޅު ހިއްކައިގެން ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލާފައިވަނީ އެކަމުގައި ގިނަ ކަންތައްތަކަކަށް ބެލުމަށް ފަހުގައި ކަމަށެވެ. އެގޮތުން އެކަމަށް ކުރަންޖެހޭ ދިރާސާތައްވެސް ކުރިއަށްގެންގޮސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ފަތުރުވެރިކަން ފުޅާކޮށް، ފަތުރުވެރިކަމުގެ ނަފާ ދިވެހިންނަށް ލިބޭނެ ގޮތްތައް ފަހިކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން މިބުރުގައި އިޢުލާންކޮށްފައިވާ ރަށްތަކުގެތެރޭގައި ތިލަދުންމަތީގެ 3 ރަށެއްވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މިއީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާއިރު، އެ ސަރަޙައްދުގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިޢުލާންކޮށްފައިވާ ރަށްތަކެކެވެ. ހަނިމާދޫ އެއަރޕޯޓާއެކު ތިލަދުންމަތީގައި ފަތުރުވެރިކަމުގެ 8000 އެނދު ތަރައްޤީކުރުމަށް ސަރުކާރުންވަނީ އަމާޒް ހިފާފައެވެ.