ޚަބަރު

މަތިވެރިއާއި މާޅޮހުގެ ބިން ހިއްކުން އޮތީ ޕްލޭންކޮށްފައި، އެ ވަޢުދު ފުއްދާނެ: ރައީސް

އއ.މަތިވެރިއާއި، އެއަތޮޅު މާޅޮހުގެ ބިންހިއްކުމުގެ މަޝްރޫޢު އޮތީ ޕްލޭންކޮށްފައިކަމަށާއި، އެއީ ސަރުކާރުން ފުއްދާނެ ވަޢުދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މާޅޮހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މާޅޮހަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއިރު ބޯކޮށް ވާރޭވެހެމުން ދިޔަނަމަވެސް އެރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މަތިވެރީ ދާއިރާގެ ފަސް ރަށުގައި ހުރި ތަރައްޤީގެ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ހިނގަމުންދާކަމަށެވެ. އެމަނިކުފާނު މަސައްކަތް ކުރައްވަމުންގެންދަވަނީ ތަފާތުކުރުމެއްނެތި އަމާޒެއް އޮވެގެން، ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ އަސާސީ ކަންކަން ފަހިކޮށްދެއްވުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަރިއަތޮޅަކީ ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޓެކްސް ދައްކާ އަތޮޅައް ވީނަމަވެސް ފާއިތުވެދިޔަ ސަރުކާރުތަކުން އެ އަތޮޅާއި ދޭތެރޭ ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށެވެ. ނަމަވެސް މިހާރު މަތިވެރި ދާއިރާގެ ފަސްރަށް ހިމެނޭހެން މުޅި އަތޮޅުގެ ހުރިހާ ރަށެއްގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މަތިވެރިއާއި، މާޅޮހުގެ ބިންހިއްކުން މިދައުރުގައި ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި މަތިވެރީ ކައިރީގައި އޮތް ފިނޮޅު ރައްޔިތުން ބޭނުންވާގޮތަށް މިފެށޭ ހަފްތާގައި ކައުންސިލާއި ހަވާލުކުރައްވާނެކަމަށާއި، އެ ސަރަހައްދުގެ ސިއްޙީ ދާއިރާއަށްވެސް ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

"މަތިވެރީގެ ބިން ހިއްކުން އެއީ އެބޭފުޅުން އެދޭކަމެއް. ޕްލޭންކުރެވިފަ އޮތީ. އިރާދަކުރެއްވިއްޔާ މިދައުރުގެ ތެރޭގައި އަޅުގަނޑުމެން އެކަން މިދައުރުގެ ތެރޭގައި ކުރާތަން ފެނިގެންދާނެ. އަޅުގަނޑުމެން އެކަން ކުރާނަން. ދެން އޮތީ މަތިވެރި ފިނޮޅުގެ ވާހަކަ. މަތިވެރި ފިނޮޅާ ދޭތޭ އެންމެ ފަހުގެ ނިންމުން އަޅުގަނޑުމެން ވާނީ މިހާރު ނިންމާފައި. އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާގައި ބޭއްވޭ އިކޮނޮމިކް ކައުންސިލުން ތިބޭފުޅުން އެދޭގޮތަށް މަތިވެރި ފިނޮޅު ކައުންސިލާ ހަވާލުކުރުމުގެ ނިންމުން އަޅުގަނޑުމެން ނިންމާނަން. އޭގެ ފައިދާ އެ ސަރަހައްދުގެ ހުރިހާ ރަށަކަށް ވާނެ."

ރައީސް ވިދާޅުވީ، ބޮޑުފޮޅަދޫގެ ބިންހިއްކުން މިހާރު ކޮންޓްރެކްޓްކޮށްފައިވާކަށާއި، ހިމަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ފެރިދޫ ބަނދަރު މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެކަަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަލިއަޅުއްވާލައްވާ ވިދާޅުވީ އެއްވެ އުޅުމާއި، ޚިޔާލުފާޅު ކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ނިމިދިޔަ ވެރިކަމުގައި ހިފަހައްޓާފައި އޮތްކަމެއްކަމަށެވެ. ނަމަވެސް ވެރިކަމަށްވަޑައިގެން އެއްވެސް ހުރަހެއްނެތި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ދޫކޮށްލާފައިވާމަށް ރައީސް ވިދާޅުވިއެވެ. އެ މިނިވަންކަމަކީ މިސަރުކާރުން ހިފަހައްޓައި ހުރަސް އަޅާނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް މީގެ ބޭނުން ހިފާއިރު ވިސްނަންޖެހޭނެ. ތިމާފާޅުކުރާ ޚިޔާލެއް ނުވަތަ އުފުލާ އަޑެއްގެ ނަތީޖާއަކަށް ވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗަކަށެއް. އެހިސާބަށް ގޮސްސިއްޔާ ދެން ޖެހޭނީ އެއާއި ދޭތެރޭގައި ވެރިކަމުގަ ތިބި ބަޔަކު ވިސްނަން. މިއަދު އަޅުގަނޑުމެންނަށް އެމަންޒަރު ބައެއްފަހަރު ފެނޭ. އެއްވެސް ހާލެއްގައި އެއްވެ އުޅުން މަނާކުރާކަށް އަޅުގަނޑު ނެތިން. ޚިޔާލްފާޅު ކުރުން ހުއްޓުވާކަށްވެސް ނެތިން. ޝުއޫރު ފާޅުކުރަންވީ. އެހެން ނަމަވެސް އެއީ ދެންތިބި މީހުންނަށް ދުއްތުރާއަކަށް ވެގެން ނުވާނެ. ކުރިއަށް ގެންދަވަންވީ އެބޭފުޅުންވެސް އަޑުއަހަން އަޅުގަނޑުމެންނަށް ކެރޭނެ. ހުއްޓުވާކަށްވެސް ނެތިން އެކަމަކު އެހެން މީހުންވެސް ހަރަކާތް ހިންގުމަށް ފުރުސަތު ދޭންވާނެ." ރައީސް ވިދާޅުވިއެވެ.

މަތިވެރީ ދާއިރާގެ ފަސް ރަށުގައި 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް 200 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުތައް ހިންގިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން މިކަންކަން ކޮށްދެނީ އާބާދީއަކަށް މީހާ ނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި ހަމަހަމަ އުސޫލަކުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އަރިއަތޮޅުގެ ހުރިހާ ރަށަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެކަމަށެވެ.