ކުޅިވަރު

ގައުމީ އަންހެން ވޮލީ މުބާރާތް: ކުލަބު ވޮލީބޯލް ފައިނަލަށް، ސެމީގައި ވެމްކޯ އާއި އީގަލްސް


މިހާރު ކުރިއަށްދާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކުލަބު ވޮލީބޯލްއިން ހޯދިއިރު، ސެމީ ފައިނަލް މެޗުގައި ކުލަބު ވެމްކޯ އާއި ކުލަބު އީގަލްސް ބައްދަލުކުރަން ޖެހިއްޖެއެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ ވެމްކޯ އާއި، ޕޮލިސް ކުލަބާއި، އީގަލްސްގެ އިތުރުން ކުލަބު ވޮލީބޯލްއެވެ.

މި މުބާރާތުގެ ފައިނަލަށް ކުލަބު ވޯލީބޯލް ދަތުރުކުރީ ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗު ޕޮލިސް އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. މި ނަތީޖާއާއެކު އެންމެ ފަހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން 2019 ވަނަ އަހަރު ބޭއްވިއިރު، ޗެމްޕިއަންކަން ހޯދި ޕޮލިސް މި ފަހަރުގެ މުބާރާތުން ކެޓީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުން ޕޮލިހާ ވާދަކޮށް ކުލަބު ވޮލީބޯލް ސެޓުތައް ގެންދިޔައީ 25-14، 25-20 އަދި 25-11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު ވޮލީބޯލްގެ ތައިލެންޑް ކުޅުންތެރިޔާ ނިލާޕާ ޗަޕްސުދާއެވެ.

މި މޮޅާއެކު ކުލަބު ވޮލީބޯލުން ފައިނަލުގެ ސީދާ ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔައީ ތިން މެޗުން ހަ ޕޮއިންޓް ހޯދި ވެމްކޯއެވެ. އަދި ތިންވަނައަށް ދިޔަ އީގަލްސްއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ލީގު ބުރުގެ ފުލުގައި ނިންމާލި ޕޮލިހަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި ނަތީޖާތަކާއެކު ސެމީގައި ވެމްކޯ އާއި އީގަލްސް ބައްދަލުކުރަން ޖެހޭއިރު، ހޯމަ ދުވަހުގެރޭ މި ދެ ޓީމު ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ވެމްކޯއެވެ. މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-17، 25-20 އަދި 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ އައިޝަތު މާޖިދާއެވެ.

ވެމްކޯ އާއި އީގަލްސް ބައްދަލުކުރާ ސެމީ ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެރޭއެވެ. އެ މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ފައިނަލް މެޗުގައި ހުކުރު ދުވަހުގެރޭ ނުކުންނާނީ ކުލަބު ވޮލީބޯލްއާ ދެކޮޅަށެވެ.