ޚަބަރު

އިތާފުށީ މުވައްޒަފުންގެ ސާރވިސް ޗާޖަށް ބައި ލައްކައަށްވުރެ ގިނަ ރުފިޔާ


މިމަހު ސަރވިސް ޗާޖްގެ ގޮތުގައި ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގެ މުވައްޒަފުންނަށް ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ލިބޭނެކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ރިސޯޓް މުވައްޒަފުންނަށް ލިބޭ ސަރވިސް ޗާޖް އެހެން މަސްތަކަށްވުރެ ބޮޑަށް އިތުރުވެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިނިމޭ ޖެނުއަރީ މަހު ސަރވިސް ޗާޖްގެ ގޮތުގައި ވޯލްޑޯފް ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގެ މުވައްޒަފުންނަށް 3302.50 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 50916 ރުފިޔާ ލިބޭނެއެވެ.

ދެން އެންމެ ގިނަ އަދަދަކަށް ސަރވިސް ޗާޖް ލިބޭނެކަމަށް ލަފާކޮށްފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ މުވައްޒަފުންނަށެވެ. އެގޮތުން، އެރިސޯޓުން، 3054 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 47092 ރުފިޔާ، މިމަހު ސަރވިސް ޗާޖްގެ ގޮތުގައި ދޭނެކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގައި 750 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. އެ ރިސޯޓުން މިދިޔަ 4 އަހަރުގެ ޖެނުއަރީ މަހުވެސް ބޮޑު އަދަދަކުން މުވައްޒަފުންނަށް ސަރވިސް ޗާޖް ދީފައިވާކަމަށް ތާފަސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ 4 އަހަރު އިތާފުށީގެ ސަރވިސް ޗާޖް

- 2020 - 2037 ޑޮލަރު ނުވަތަ 31410 ރުފިޔާ
- 2021 - 3339 ޑޮލަރު ނުވަތަ 51487 ރުފިޔާ
- 2022 - 3320 ޑޮލަރު ނުވަތަ 51194 ރުފިޔާ
- 2023 - 3302 ޑޮލަރު ނުވަތަ 50916 ރުފިޔާ

ކުރިއަށް މިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމުން ރާއްޖޭގެ ރިސޯޓުތަކައް އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ގިނަ ރިސޯޓުތައް އައު އަހަރާއި ދިމާކޮށް އޮތީ ފުރިފައެވެ. މިއާއެކު ގިނަ ރިސޯޓުތަކުން ސަރވިސް ޗާޖު ދޭ މިންވަރު އާންމުގޮތެއްގައި އިތުރުވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރވިސް ޗާޖު ނުދޭ މައްސަލައާއި ސަރވިސް ޗާޖު ބެހުމުގައި ހަމަހަމަކަމެއް ނެތުމުގެ ޒަމާންވީ މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީ ބޮޑު ހައްލެއް ގެނެސްދެއްވާފައެވެ. އެގޮތުން، ވަޒީފާއާއި ބެހޭ ޤާނޫނަށް ސަރުކާރުން ގެނައި އިޞްލާހާއެކު ސަރވިސް ޗާޖުގެ ގޮތުގައި ނަގާ ޢަދަދުގެ މަދުވެގެން %10 މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމްކުރެއެވެ.