ދުނިޔޭގެ ވިޔަފާރި

ލަންކާގެ އިންފްލޭޝަން ދަށަށް


ސްރީލަންކާގެ ޤައުމީ ތަކެތީގެ އަގުތައް، ނޮވެމްބަރު މަހު %65 އަށް މައްޗަށް ދިއުމަށް ފަހު ޑިސެމްބަރު މަހު %59.2 އަށް ދަށްވެފައިވާ ކަމަށް އެ ގައުމުގެ ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިއާއި އަޅާބަލާއިރު ޑިސެމްބަރު މަހު ކާބޯތަކެތީގެ އަގު %59.3 އަށް މައްޗަށް ގޮސްފައިވާއިރު، ކާބޯތަކެތި ނޫން ތަކެތީގެ އިންފްލޭޝަން %59 އަށް އިތުރުވެފައިވާ ކަމަށް ލަންކާގެ ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސް އިން ނެރުނު ބަޔާނެއްގައިވެއެވެ.

"އަޅުގަނޑުމެން ލަފާކުރަނޯ މާޗް މަހުގެ ނިޔަލަށް އިންފްލޭޝަން ގާތްގަނޑަކަށް 51% އަށް އަރާނެ ކަމަށް،" ކޮލަމްބޯގައި ހުންނަ ފަސްޓް ކެޕިޓަލް ހޯލްޑިންގްސްގެ ރިސާޗް ހެޑް ޑިމަންތާ މަތީ ވިދާޅުވިއެވެ. "އެކަމަށް ވަގުތު ނަގާނީ ސަރުކާރުން ހަކަތައިގެ އަގު ބޮޑުކުރާނެކަން އިއުލާންކޮށްފައިވާތީ." އޭނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ގާތްގަނޑަކަށް %10 އިންފްލޭޝަން އަށް،" ޑިމަންތާ ވިދާޅުވިއެވެ.

2.9 ބިލިއަން އެމެރިކާ ޑޮލަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑެއް، އައިއެމްއެފް އިން ހޯދުމަށް ލަންކާއިން މަސައްކަތް ކުރަމުން ދަނިކޮށް އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް މިދިޔަ އަހަރު ލަންކާގެ މަރުކަޒީ ބޭންކުން އިންޓަރެސްޓް ރޭޓް ވަރަށް ބޮޑަށް މަތިކޮށްފައިވާއިރު، މި ހަފްތާ ވެސް އެ ބޭންކުން އިންޓަރެސްޓް ރޭޓަށް ބަދަލެއް ނުގެންނާނެ ކަމަށް ބެލެވެއެވެ.

ކޮންމެ މަހެއްގެ ފަހުކޮޅު އާންމުކުރާ ކޮލަމްބޯ ކޮންސިއުމަރ ޕްރައިސް އިންޑެކްސް، ސީސީޕީއައި ޑިސެމްބަރު މަހު %57.2 އަށް ދަށްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.