ޚަބަރު

ޖަރުމަނުން ޔޫކްރެއިނަށް ލެޕަޑް ޓޭންކު ފޮނުވަން ހުއްދަ ދޭނެކަމުގެ އިޝާރާތެއް


ޔޫކްރެއިންގެ ދިފާޢުގައި އެ ޤައުމުގެ ސިފައިން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވުމަށް "ލެޕަޑް 2" މަރުކާގެ އަސްކަރީ ޓޭންކު އެ ޤައުމަށް ފޮނުވުމުގެ ހުއްދަދޭނެ ކަމުގެ އިޝާރާތެއް ޖަރުމަނުވިލާތުން ދީފިއެވެ. ލެޕަޑް މަރުކާގެ ޒަމާނީ އަސްކަރީ ޓޭންކަކީ ޖަރުމަނުވިލާތުން އުފައްދާފައިވާ ހަތިޔާރެކެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ފަށާފައިވާ ހަނގުރާމައަށް ޖަނަވަރީ 24 ވަނަ ދުވަހު 11 މަސް ފުރިފައިވާއިރު، ރަޝިޔާގެ އަތްދަށުން ސަލާމަތްވުމަށް ޒަމާނީ ބަރުހަތިޔާރު ބޭނުންވާ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އަދި، ލެޕަޑް މަރުކާގެ ޓޭންކުތައް ހޯދުމަށް އެ ޤައުމުން ވަނީ ޖަރުމަނުވިލާތާއި ނޭޓޯގެ އެހެން ޤައުމުތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޔޫކްރެއިނުގެ އިތުރު ސަރަޙައްދުތައް ހިފުމަށް ރަޝިޔާއިން މަސައްކަތް ފަށާނެ ކަމަށް ޒެލެންސްކީ ވިދާޅުވެއެވެ. އަދި، ރަޝިޔާގެ ޓޭންކުތަކާއި އަސްކަރީ އުޅަނދުތައް ހުއްޓުވުމުގެ ޤާބިލުކަން ޒެލެންސްކީގެ ފައުޖުތަކަށް ލިބޭނީ ލެޕަޑް ފަދަ ޒަމާނީ ހަތިޔާރު ލިބިގެން ކަމުގައި އޭނާ ވިދާޅުވެއެވެ.
ހަނގުރާމައަށް 11 މަސް ފުރިފައިވާއިރު، ރަޝިޔާއިން ވަނީ ޔޫކްރެއިނަށް އަރައި ހާސިލުކުރަން ބޭނުންވި ގިނަ ލަނޑުދަނޑިތަކެއް ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ޔޫކްރެއިނުގެ އިރުމައްޗާއި ދެކުނުގެ ސަރަޙައްދުތަކަށް އަތްގަދަކުރުން ހިމެނެއެވެ.

ރަޝިޔާއިން އަތްގަދަކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ދޮންބާސް އެކުލެވިގެންވާ ޑޮނެޓްސްކާއި ލުހާންސްކްގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާ ހިމެނެއެވެ. ޒަޕޮރީޜިޔާއާ އިންވެގެން އޮތް ޚާރްސަނަށް ވެސް ރަޝިޔާ ސިފައިން ކުރިން ވަނީ އަތްގަދަކޮށްފައެވެ. ނަމަވެސް، ޔޫކްރެއިން ސިފައިން ވަނީ އެ ސަރަޙައްދު މިނިވަންކޮށްފައެވެ. ރަޝިޔާ ސިފައިން މިހާރު އަމާޒުހިފާފައި ވަނީ އިރުމަތީގައި ބަޚްމުތް ހިފުމަށެވެ. އެ ރަށް ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ރަޝިޔާ ސިފައިން މަސައްކަތް ކުރާތާ މިހާރު އެތަކެއް މަސްތަކެއް ފާއިތުވެއްޖެއެވެ.

ޔޫކްރެއިނަށް ލެޕަޑް ޓޭންކުތައް ފޮނުވުމާ ގުޅޭގޮތުން ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު އެނެލީނާ ބެއަރބޮކް ވިދާޅުވީ، ނޭޓޯގެ ޤައުމަކުން އެ ކަން ކުރަން ބޭނުން ނަމަ، ޖަރުމަނުން އެ ކަމަށް ހުރަސް ނާޅާނެ ކަމުގައެވެ. ޕޮލެންޑުން މީގެކުރިން ވަނީ ޔޫކްރެއިނަށް ލެޕަޑް ޓޭންކުތައް ފޯރުކޮށްދޭން ބޭނުންވާ ކަން ހާމަކޮށްފައެވެ. ނަމަވެސް، އެ ކަން ކުރެވެން އޮތީ ޖަރުމަނުވިލާތުގެ ހުއްދައާ އެކުގައެވެ.

"ލެޕަޑް ޓޭންކު ޔޫކްރެއިނަށް ފޮނުވުމާ ގުޅޭގޮތުން ޕޮލެންޑުން ރަސްމީ ސިފައެއްގައި ހުއްދައަށް އެދިފައެއް ނުވޭ. އެ ފަދަ ހުއްދައަކަށް އެދިއްޖެ ނަމަ، ޖަރުމަނުން އެ ކަމަށް ހުރަހެއް ނާޅާނެ،" ބެއަރބޮކް ވިދާޅުވިއެވެ. ނަމަވެސް، މިއީ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވުމުގެ އަމަލެއްގެ ގޮތުގައި ދެކޭނެ ކަމުގެ އިންޒާރު ރަޝިޔާއިން ދީފައިވުމާ ގުޅިގެން، ޖަރުމަނުގެ ޗާންސެލަރ އޯލާފް ޝޮލްޒް މީގެ ކުރިން ވަނީ އެ ކަމަށް ދެކޮޅު ހައްދަވާފައެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ފޮނުވާފައިވާ ހަތިޔާރުގެ ތެރޭގައި ގިނަ ޢަދަދެއްގެ "ޓީ-90" މަރުކާގެ ގިނަ ޢަދަދެއްގެ ޓޭންކު ހިމެނެއެވެ. ނަމަވެސް، ޔޫކްރެއިނުގެ އަސްކަރިއްޔާއިން މިހާރު ބޭނުންކުރަމުން ދަނީ ކުރީގެ ރޫސީ ވިލާތުގެ ޒަމާނުގައި އުފައްދާފައިވާ މުސްކުޅި، މި ޒަމާނާ ނުފެތޭ ޓޭންކުތަކެކެވެ. ލެޕަޑް ޓޭންކަކީ، ރަޝިޔާގެ ޓީ-90 މަރުކާގެ ޓޭންކުތަކާއި ކުރިމަތިލާ، ކާމިޔާބީ ހޯދުމުގެ ގާބިލުކަން ލިބިފައިވާ ޓޭންކެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވެސް ދަނީ ބުނަމުންނެވެ.

ޔޫކްރެއިނަށް އަސްކަރީ އެހީ އިތުރުކުރުމާ ގުޅޭގޮތުން އެހީދޭ ޤައުމުތަކުން ދާދިފަހުން ވަނީ ޖަރުމަނުގެ ރެމްސްޓެއިން އަސްކަރީ މަރުކަޒުގައި ބައްދަލުކޮށްފައެވެ. އަދި، އެ ޤައުމަށް އެތަކެއް ބިލިޔަން ޑޮލަރުގެ އަސްކަރީ އެހީ ފޮނުވުމަށް އެއްބަސްވެފައެވެ. ޖަރުމަނުން ބުނީ، ޔޫކްރެއިނަށް ލެޕަޑް ޓޭންކު ފޮނުވާނީ އެމެރިކާ ވެސް އެކުލެވިގެންވާ ގުޅިފައިވާ ކޯލިޝަނެއް މެދުވެރިކޮށް ކަމުގައެވެ. އަދި، އެމެރިކާގައި އުފައްދާ "އެބްރާމްސް" މަރުކާގެ ޓޭންކު ޔޫކްރެއިނަށް ފޮނުވުމަށް ވެސް ޖަރުމަނުން ވަނީ ގޮވައިލާފައެވެ.

އެބްރާމްސް ޓޭންކަކީ މެއިންޓެނެންސް ކުރުމަށް އުނދަގޫ ޓޭންކެއް ކަމަށް ބުނެ، އެމެރިކާއިން ދަނީ އެ ކަމާ ދެކޮޅު ހަދަމުންނެވެ. ނަމަވެސް، އެހެން ބާވަތްތަކުގެ އަސްކަރީ ހަތިޔާރާއި ސާމާނު އެމެރިކާއިން ދަނީ ޔޫކްރެއިނަށް ފޯރުކޮށްދެމުންނެވެ. އިނގިރޭސި ވިލާތުން ވެސް ދާދިފަހުން ވަނީ "ބްރިމްސްޓޯން" މަރުކާގެ އިތުރު 600 މިސައިލް ޔޫކްރެއިނަށް ފޮނުވާނެ ކަމަށް ބުނެފައެވެ.

މީގެ ކުރިން ވެސް އިނގިރޭސިވިލާތުން ވަނީ ބްރިމްސްޓޯން މަރުކާގެ މިސައިލް ޔޫކްރެއިނަށް ފޮނުވާފައެވެ. އަދި، ދާދިފަހުން އެ ޤައުމުން ވަނީ "ޗެލެންޖަރ 2" މަރުކާގެ ޒަމާނީ ޓޭންކުތަކެއް ޔޫކްރެއިނަށް ފޮނުވަން ވެސް ނިންމާފައެވެ. އަދި، "ބްރެޑްލީ" މަރުކާގެ އަސްކަރީ އުޅަނދު ޔޫކްރެއިނަށް ފޮނުވާނެ ކަން އެމެރިކާއިން އިޢުލާނުކޮށްފައިވާއިރު، ފަރަންސޭސިވިލާތުން ވަނީ "އޭ.އެމް.އެކްސް-10 އާރް.ސީ" މަރުކާރުގެ އަސްކަރީ އުޅަނދުތައް ޔޫކްރެއިނަށް ފޮނުވާނެ ކަމަށް ބުނެފައެވެ. މި ފަދަ ހަތިޔާރުތައް ޔޫކްރެއިނަށް ފޮނުވަން ހުޅަނގުގެ ޤައުމުތަކުން މީގެ ކުރިން ވަނީ ދެކޮޅު ހަދާފައެވެ.