ޚަބަރު

ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ޖަރުމަންގެ ކްރޫޒްލައިނާއެއް ރާއްޖެއަށް


ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ޖަރުމަންވިލާތުގެ ކްރޫޒްލައިނާއެއް ރާއްޖެއަށް އައިސްފިއެވެ. މިއީ މިއަހަރު މާލެއަށް ބަނދަރުކުރި ފުރަތަމަ ކްރޫޒްލައިނާއެވެ.

ޖަރުމަނުގެ ކްރޫޒް ލައިނާއެއް ކަމަށްވާ އެމްއެސް އާރްޓާނިއާ މާލެއަށް ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ކުރޫޒްލައިނާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ވަަނީ މާލެއަށް ފައިބާފައެވެ.

ކޯވިޑާއި ގުޅިގެން ކުރޫޒްލައިނާތައް ރާއްޖެ އައުން މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ އަހަރުގެ ފަހުކޮޅު ގިނަ ކްރޫޒްލައިނާތަކުން ވަނީ ރާއްޖެއަށް ދަތުރު ފަށާފައެވެ. މިކްރޫޒްލައިނާތައް ރާއްޖެއަށް އަންނަން ފެށީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ގުޅިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއިން މީގެކުރިން ބުނެފައިވަނީ މިހާތަނަށް 9 ކްރޫޒްލައިނާއަކުން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ކްރޫޒްލައިނާތަކަކީ މިދިޔަ އަހަރު ރާއްޖެއައި ކްރޫޒްލައިނާތަކަށް ވުރެ ބޮޑު ކްރޫޒްލައިނާތަކެއްކަމަށް މާޔާއިން ފާހަގަކުރެއެވެ. އެގޮތުން، 2826 މީހުންގެ ޖާގައިގެ ކްރޫޒްލައިނާއަކާއި 2050 މީހުންގެ ޖާގައިގެ ކްރޫޒްލައިނާއެއް ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި 1000 އާއި 1500 މީހުންގެ ޖާގައިގެ 4 ކްރޫޒްލައިނާއެއްގެ އިތުރުން، 300 އާއި 700 މީހުންގެ ޖާގައިގެ 3 ކްރޫޒްލައިނާވެސް ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މާޔާއިން މަޢުލޫމާތުދެއެވެ.

މިކްރޫޒްލައިންތަކުގެ ޖާގައަަށް ބަލައި، ރާއްޖެއަށް ކްރޫޒަލައިންތަކުން އަންނާނެ ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް 12000 އަށް އަރައެވެ.