ޚަބަރު

"ޑްރަގުން ސަލާމަތްވުމަށް އެދޭ ކޮންމެ މީހަކަށް އެންޑީއޭގެ ދޮރުހުޅުވިފައި"


މަސްތުވަތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ތެރެއިން ޖަލު ހުކުމް ސަލާމަތްވުމަށް އެދި އެން.ޑީ.އޭގެ ފަރުވާއަށް އެދޭ މީހުންނަށްވުރެ އަމިއްލައަށް އެދިގެން މިވަބާއިން ސަލާމަތްވުމަށް އަންނަ މީހުންނަށް ނޭޝަނަލް ޑްރަގް އޭޖެންސީ، އެން.ޑީ.އޭގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނާނެކަމަށް އެ އެޖެންސީން ވިދާޅުވެއްޖެއެވެ.

އެން.ޑީ.އޭގެ ފާއިތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެން.ޑީ.އޭގެ ސީއީއޯ އިމާދު ޞާލިހް ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރީ ފަރުވާދޭ ސެންޓަރުތަކުގައި ފަރުވާދެވޭނެ ޖާގަ އިތުރުކޮށް، ދެވޭ ފަރުވާތައް އިތުރު ކުރުމަށްކަމަށެވެ.

މި މަސައްކަތުގެ ތެރެއިން މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ އަންހެނުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކޮށް، އެތަނުގައި ޚިދުމަތް ދޭން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި ހުރި ސެންޓަރުތަކުގެ ތެރެއިން އައްޑޫ ސިޓީގައާއި، އެހެން ރަށްތަކުގައިވެސް ޤާއިމް ކޮށްފައިވާ ސެންޓަރުތަކުގައި ޖާގަ އިތުރުކޮށް، އިތުރު ފަރުވާތައް ފެށިފައިވާކަމަށް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ، ޑްރަގް އެޖެންސީގެ މަސައްކަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުން އަލުން އަނބުރާ މުޖުތަމައަށް ގެނެވޭނެ ފަހި މަގެއް ހޯދައި ދިނުންކަމަށެވެ. މަސްތުވަތަކެތިން ސަލާމަތްވުމަށްޓަކައި އަމިއްލައަށް އެދިގެން އަންނަ މީހުނަށްވުރެއް މިހާރުވެސް ގިނައީ ޖަލު ހުކުމުން ސަލާމަތްވުމަށް ކޯޓުން ހުކުމް ކުރުމުން ގެނެވޭ މީހުންކަމަށް އިމާދު ވިދާޅުވިއެވެ.

"ފަރުވާދޭ މުޅި ނިޒާމު ބަދަލުވާންވީ އަމިއްލައަށް މިކަމަށް އެދިގެން އަންނަ މީހާއަށް ފަރުވާދެވޭނެ ގޮތަކަށް. އެމީހާއަށް އިސްކަންދޭ ގޮތަކަށް. ކޯޓުގެ ހުކުމަކާއި އެކީ އަންނަ މީހާއަށްވުރެ އަމިއްލައަށް ރަނގަޅުވާން އިހުލާސްތެރިކަމާއިއެކީގައި އަމިއްލައަށް ފަރުވާ ބޭނުން ވެގެން އަންނަ މީހާއަށް ފުރުސަތު ދިނުން މާ މުހިންމު." އިމާދު ވިދާޅުވިއެވެ.

އެން.ޑީ.އޭއިން ވަނީ ފާއިތުވެދިޔަ 2022 ވަނަ އަހަރުގެ ނިޔަލަށް 727 މީހެއްގެ އެސެސްމަންޓް ހަދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޑްރަގް ކޯޓުން ހުކުމްހުރި 612 މީހަކާއި، ވޮލެންޓިއާ ކޮށްގެން އައި 117 މީހަކައި، ފުލުހުންގެ ފަރާތުން ހުށަހެޅި މީހެއްގެ އިތުރުން ޖުއެނިއަލް ޖަސްޓިސް އިން ހުށަހެޅި 18 އަހަރު ނުފުރޭ ކުއްޖެއްގެ އެސެސްމަންޓެކެވެ. މީގެ ތެރޭގައި ހިމެނެނީ 694 ފިރިހެނުންނާއި، 33 އަންހެނުންނެވެ.

މި މުއްދަތުގައި 255 މީހުން ވަނީ އެން.ޑީ.އޭގެ ފަރުވާ ފުރިހަމަކޮށް، މުޖުތަމައަށް ނިކުމެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 233 ފިހެނުންނާއި، 24 އަންހެނެކެވެ. ޑްރަގާއި ގުޅޭގޮތުން ބަންދު ކުރެވޭ މީހުންނާމެދު އަމަލުކުރެވޭ ގޮތާއި ދެވޭ ފަރުވާގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަން ޖެހިފައިވާއިރު ޤާނޫނަށްވެސް ހެޔޮ ބަދަލުތަކެއް އަންނަންޖެހޭކަމަށް އިމާދު ވިދާޅުވިއެވެ. މިހާރު އަމަލު ކުރަމުންދަނީ 2011 ވަނަ އަހަރު ފާސްކޮށްފައިވާ ޤާނޫނެކެވެ.

ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގައި ޑްރަގު މިހާރު ބޭނުން ކުރަމުންދާ ގޮތާއި، ފަރުވާދޭންޖެހޭ ގޮތަށް ޚާއްސަ އިސްކަމެއް ދީގެން ގާނޫނަށް އިސްލާހު ގެނައުމަށް ބަންޑާރަ ނައިބް އޮފީހާއި ދަނީ މަޝްވަރާ ކުރަމުންނެވެ.