ޚަބަރު

ގުރައިދުއާއި މާފުށި ހިއްކިއްޖެ، ކުރިއަށް އޮތީ ގުޅި ބިން ހިއްކުން: ރައީސް


ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ގުރައިދޫ، މާފުށީގެ ރައްޔިތުން އެދުނުގޮތަށް ބިމުގެ ޖާގަ ބޮޑުކުރެވިއްޖެ ކަމަށާއި، ދެން އޮތީ ގުޅީގެ ބިމުގެ ޖާގަ ބޮޑުކުރުމަށް ބިންހިއްކަން މިއަހަރުގެ ތެރޭގައި ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި މިއަދު ކ.ގުރަދޫއަށް ވަޑައިގެން ރައީސް ވަނީ ގުރައިދޫ ދާއިރާގެ ތަރައްޤީއަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވާފައެވެ.

ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މާލެ ކައިރީގައި ހުރި ރަށްތަކަކީ ފާއިތުވެދިޔަ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައިވާ ރަށްތަކެއް ނޫންކަމަށެވެ. މާލެއާއި ކައިރިވުމުން އެރަށްތަކުން އެންމެ އަސާސީ ޚިދުމަތް ހޯދުމަށްވެސް މާލެއަށް ދާންޖެހޭ ގޮތަށް އޮތް އޮތުމަކީ އެކަމުގެ ތަކްލީފް އެރަށްތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮތްކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމަށް އައުމަށް ކުރި ކެމްޕެއިންގައި ގުރައިދޫ ދާއިރާގެ 3 ރަށަށް ވަޑައިގަތުމުންވެސް އެންމެ ބޮޑަށް ރައްޔިތުން އެދުނު އެއްކަމަކީ ބިން ބޮޑުކޮށް ދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ އެދުމާއި އެއްގޮތަށް މިދައުރުގައި ގުރައިދޫ އަދި މާފުށީގެ ބިން ބޮޑުކުރެވި، އެ ދެރަށުގެ ރައްޔިތުންނަށް ޕިކުނިކް ދެވޭނެ ރަށެއްވެސް ހިމެނޭހެން ބިން ހިއްކާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މާފުށީގައި ހިއްކި ބިމާއި އެރަށާއި ދާދި އަވަހަށް ގުޅާލުމުގެ މަސައްކަތް ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގައި ހިމެނޭ ގުޅީގެ ބިމުގެ މައްސަލައަކީވެސް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. މިހާރު ނިމިފައިވާ ދެ ރަށުގެ ބިމުގެ ބޭނުން ކުރާނެ ގޮތަކާމެދު ގޮތްތަކެއް ނިންމާނީ އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ކައުންސިލުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ކުރި ދަތުރުގައި، ގުރައިދޫންވެސް، މާފުށިންވެސް، ގުޅިންވެސް އެދުނު އެންމެ މުހިންމު ކަމަކީ ރަށް ފުރިގެން ބިން ބޮޑުކޮށް ދިނުމުގެ ވާހަކަ. އިރާދަކުރެއްވިއްޔާ މާފުއްޓާއި، ގުރައިދޫގެ ބިން ތިޔަބޭފުޅުން އެދުނު ގޮތަށް ބޮޑުކޮށް އަދި ޕިކްނިކް އައިލެންޑަކާއި އެކު މިވަނީ ހިއްކާ ބޮޑު ކުރެވިފަ. ކުރިއަށް އޮތީ ގުޅި، ގުޅި ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ގުޅީގެ ރައްޔިތުންނަށް އަމަލީގޮތުން ފެނިގެންދާނެ" ރައީސް ޞާލިހު ވިދާޅުވިއެވެ.


އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އައީ އެއްވެސް ރަށެއް އެއްވެސް މީހެއް ބާކީނުކޮށް، ތަފާތު ނުކޮށް ޚިދުމަތް ދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އެ ސިޔާސަތު މިއަދު އެމްޑީޕީގެ ބައެއް ބޭފުޅުންނަށް ކަމުނުދިއުމަކީ އެމްޑީޕީއިން ގެންގުޅުނު އެސިޔާސަތު ދޫކޮށްލަންޖެހޭ ސަބަބެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

"އަބަދުވެސް އެމްޑީޕީ ވަކާލާތު ކުރަމުން އައީ ޖަޒީރާ ރާއްޖެއެއް ތަރައްޤީ ކުރުމަށް. މިއަދު އެއާއި ގުޅިން އިދިކޮޅަށް ވާހަކަ ދައްކަވަމުން ގެންދާކަމީ ހަމަގައިމުވެސް އެއީ އެމްޑީޕީގެ ސިޔާސަތު ކުރިއެރުވުމެއްނޫން. ވަކި އެހެން މަޤުޞަދެއް އޭގައި އޮވެގެން ކުރާކަމަކަށް ވެދާނެ" ރައީސް ޞާލިހު ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މާލެ ކައިރީގައި ހުރި ގިނަ ރަށްތަކަކީ ލޯކަލް ޓޫރިޒަމަށް ފުޅާވެފައިވާ ރަށްތަކެއްކަން ފާހަގަކުރައްވައި، އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަކަށް ކުރެވޭނެ މަގުފަހިކޮށް ދިނުމަށް ސަރުކާރުން ކުރެވެން އޮތް މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.