ކުޅިވަރު

ޔުވެންޓަސް އާއި އެޓަލާންޓާގެ ކުރިމަތިލުން އެއްވަރު


އިޓާލިއަން ލީގުގައި ދާދި ފަހުން 15 ޕޮއިންޓް އުނިކުރި ޔުވެންޓަސް އާއި އެޓަލާންޓާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓަލާންޓާއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔުވެންޓަސްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 4 ވަނަ މިނެޓްގައި އެޓަލާންޓާއަށް ކާމިޔާބުކޮށްދިނީ އެޑެމޯލާ ލޫކްމަންއެވެ.

މިމެޗްގައި ޔުވެންޓަސްއިން ނަތީޖާ އެއްވަރު ކޮށްފައިވަނީ މެޗުގެ 25 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެންހެލް ޑި މާރިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗްގެ 34 ވަނަ މިނެޓްގައި އަރްކާޑިއަސް މިލިކް ޖަހާދިން ލަނޑާއެކު މިމެޗްގައި ފުރަތަމަ ފަހަރަށް ޔުވެންޓަސްއިން ވަނީ ލީޑު ނަގާފައެވެ.

މިމެޗްގައި އެޓަލާންޓާގެ ދެވަނަ ލަނޑު މެޗްގެ 46 ވަނަ މިނެޓްގައި ޖަހާދިނީ ޔޯކިމް މައެހްލާއެވެ. އަދި އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ލޫކްމަންއެވެ. އެކަމަކު މެޗްގެ 65 ވަނަ މިނެޓްގައި ޑެނީލޯ ވަނީ ލަނޑެއް ޖަހައި، ޔުވެންޓަސްއަށް މި މެޗުން ޕޮއިންޓެއް ހޯދައިދީފައެވެ.

މިނަތީޖާގެ ސަަބަބުން އެޓަލާންޓާއިން ވަނީ ކުޅުނު 19 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޔުވެންޓަސްއިން އުޅެނީ 23 ޕޮއިންޓާއެކު ތާވަލްގެ ނުވަވަނައިގައެވެ.