ދުނިޔޭގެ ވިޔަފާރި

ދެކުނު ކޮރެއާގެ އެކްސްޕޯޓް ދަށަށް

މި މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ދެކުނު ކޮރެއާ އިން އެކްސްޕޯޓް ކުރިން މިންވަރު މިދިޔަ އަހަރާއި އަޅާބަލާއިރު %2.7 އަށް ދަށަށް ގޮސްފިއެވެ.

އެގައުމުގެ ކަސްޓަމްސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޑިސެންބަރު މަހު ދެކުނު ކޮރެއާގެ އެކްސްޕޯޓް ފުރަތަމަ 20 ދުވަހުގެ ތެރޭގައި 9.0 އިންސައްތަ ދަށްވެ، މަސް ނިމުނު އިރު 9.6 އިންސައްތަ ދަށްވެފައި ވަނީ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް މާލީ ސިޔާސަތު ހަރުކަށި ކުރުމުން ޑިމާންޑް ދަށްވުމުގެ ސަބަބުންނެވެ.

އަދި މި ހިނގާ ޖެނުއަރީ މަހުގެ ފުރަތަމަ 20 ދުވަހު ދެކުނު ކޮރެއާ އިން ޗައިނާއަށް އެކްސްޕޯޓް ކުރި މިންވަރި %24.4 އަށް ދަށްވެފައިވާއިރު އެމެރިކާއަށް އެކްސްޕޯޓު ކުރި ޝިޕްމަންޓްގެ މިންވަރު %18.1 އަށް އިތުރުވެފައިވާ ކަމަށް ކޮރެއާ ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޖެނުއަރީ 1 އިން 20 އަށް އިމްޕޯޓް ކުރި މިންވަރު %9.3 އަށް އިތުރުވެފައިވާއިރު، މި މުއްދަތުގައި ދެކުނު ކޮރެއާގެ ޓްރޭޑް ޑެފިސިޓް 10.26 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. ޑިސެމްބަރު މަހުގެ ޓްރޭޑް ޑެފިސިޓް ހުރީ 4.69 ބިލިއަން އެމެރިކާ ޑޮލަރުގައެވެ.

ދެކުނު ކޮރެއާގެ ސަރުކާރުން ލަފާކުރާ ގޮތުގައި މިދިޔަ އަހަރު %6.1ގެ ކުރިއެރުމަކަށް ފަހު މި އަހަރު ރާއްޖެއިން ބޭރުގެ ވިޔަފާރި %4.5 އަށް ދަށްވާނެއެވެ. ނަމަވެސް އެކްސްޕޯޓް ކުރާ މިންވަރު އިތުރު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ގައުމުގެ ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.