ޚަބަރު

ނޯރާ އަބަދުވެސް ޖެކްލީން އަށް ހަސަދަވެރިވޭ: ސުކޭޝް


މަނީ ލޯންޑްރިންގެ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނާންޑޭޒާ ދެކޮޅަށް ބަތަލާ ނޯރާ ފަތޭހީ އަބުރުގެ ދައުވާކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ ވިދުން ގަދަ "އައިޓަމް ގާލް" ނޯރާ، 30، އަބުރުގެ ދައުވާ ޖެލްކީން، 37، އާ ދެކޮޅަށް ކުރީ 200 ކްރޯޑް ރުޕީސްގެ މަނީ ލޯންޑްރިންގެ މައްސަލައާ ގުޅިގެން ޖެލްކީންގެ މައްސަލަ ތަޙުޤީޤުކުރަމުން އަންނައިރު އެކަމާ ނޯރާއާވެސް ގުޅުވައި، އޭނަގެ ކެރިއަރާއި ޒާތީ ދިރިއުޅުން ހަލާލުކުރަން މަސައްކަތްކުރާ ކަމަށް ބުނެއެވެ.

ނަމަވެސް މި މިއްސަލަ ރައްދުވާ ސުކޭޝް ޗަންދުރަސޭކަރް މިވަނީ ނޯރާއާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ. އޭނާގެ ލޯޔަރުން މެދިވެރިކޮށް ސުކޭޝް ނެރުނު ނޫސްބަޔާނެއްގައި ބުނާ ގޮތުގައި ނޯރާ އަބަދުވެސް އައީ ޖެކްލީން އާއި ދެކޮޅަށް އެނާ ކައިރީ އެކި ވާހަކަތައް ދައްކަމުން ކަމަށެވެ. އަދި ނޯރާ ބޭނުންވީ ޖެކްލީން ދޫކޮށް ނޯރާ އާއި އޭނާ ލޯބީގެ ގޮތުން ގުޅެން ކަމަށްވެސް ސުކޭޝްގެ އެ ބަޔާނުގައިވެއެވެ. މީގެއިތުރުން ދުވާލަކު 10 ވަރަކަށް ފަހަރު ނޯރާ އޭނާއަށް ގުޅާ ކަމަށްވެސް ސުކޭޝް ވަނީ ބުނެފައެވެ.

ބައެއް އަގު ބޮޑު ތަކެތީގެ ފޮޓޯ އޭނާ އަށް ފޮނުވާ އެއް އެއްޗެހި ގަނެ ދިނުމަށް ނޯރާ ބުނާ ކަމަށްވެސް ސުކޭޝް ބުންޏެވެ. ނޯރާ ބުނެގެން އޭނާގެ ތިމާގެ މީހަކަށް މިޔުޒިކް ޕްރޮޑަކްޝަން ކުންފުންޏެއްވެސް ހަދާ ދިން ކަމަށް ސުކޭޝް ވަނީ ބުނެފައެވެ.

ސުކޭޝް އާއި ޖެކްލީންގެ ރައްޓެހިވެ، އޭނާގެ ފަރާތުން އަގުބޮޑު އެތައް ހަދިޔާތަކެއް ލިބި، ސުކޭޝް ހިންގާފައިވާ 200 ކްރޯޑް ރުޕީސްގެ މަނީ ލޯންޑްރިންގެ ތެރެއިން ނާޖާއީޒު އެތައް ފައިދާއެއް ޖެކްލިން އަށް ލިބުނު ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނައާއި އެތައް ފަހަރެއްގެ މަތިން އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓަރޭޓް (އީޑީ) ސުވާލުކޮށް، ބަޔާންނަގައި، އެ މައްސަލަ އަންނަނީ ތަޙުޤީޤުކުރަމުންނެވެ.

މި މައްސަލަގަނޑު މިދިޔަ އަހަރު ފެންމަތިވެ، ސުކޭޝްއާ އެކީ ޖެކްލީން ނަގާފައިވާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އަދި މި މައްސަލަގަނޑު ތިލަވެ، ސުކޭޝްގެ ފަރާތުން ނޯރާއަށް ވެސް ނާޖާއީޒު އެތައް ފައިދާތަކެއް ލިބުނުކަމުގެ އަޑުތަކެއް އެރިއެވެ.

އެކަމާ ގުޅިގެން ނޯރާއާވެސް އީޑީން ސުވާލުކޮށްފައިވެއެވެ. ނަމަވެސް ނޯރާ ވަނީ ސުކޭޝް އާއި އޭނައާ ދެމެދު އެއްވެސް އިރެއްގައި އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ މީގެ ކުރިން ބަޔާނެއްވެސް ނެރެފައެވެ.