ޚަބަރު

އެކްތާގެ ކުރިއަށްއޮތް ފިލްމަށް ބިގް ބޮސް ތަރި ނިމްރިތު


އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް 2010 ވަނަ އަހަރު ދެއްކި ފިލްމު "ލަވް ސެކްސް އޮރް ދޯކާ" ގެ ދެވަނަ ބަޔަށް ޓީވީ ތަރި ނިމްރިތު ކޯރު ހަމަޖައްސައިފިއެވެ.

މި ފިލްމު އެކްތާ އިޢުލާންކޮށްފައިވަނީ މިހާރު ކުރިއަށްދާ ސެލެބްރިޓީ ރިއަލިޓީ ޝޯވ "ބިގް ބޮސް" ސީޒަން 16 ގެ ތެރެއިންނެވެ. ނިމްރިތަކީ އެ ސީޒަންގެ ބައިވެރިއެކެވެ. އެކްތާ އާއި މީގެ ފުރަތަމަބައިގެ ޑައިރެކްޓަރު ދިބާކަރް ބަންރޭހް ބިގް ބޮސް އަށް ދިޔައީ މިދިޔަ ހުކުރު ދުވަހުއެވެ.

"ލަވް ސެކްސް އޯރް ދޯކާ 2" ގެ އިތުރުން އެކްތާ ޕްރޮޑިއުސްކޮށް ކަލާސް ޓީވީން ދައްކާ "ނާގިން" ޝޯވ 7 ވަނަ ސީޒަނަށްވެސް ބިގް ބޮސްގެ ބައިވެރިޔަކު ނަގާ ގޮތަށް ހަމައްޖައްސާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ. ނަމަވެސް އެއީ ކޮން ބައިވެރިއެއް ކަމެއް އެކްތާ އަދި ހާމައެއް ނުކުރެއެވެ.

"ލަވް ސެކްސް އޯރް ދޯކާ" އަކީ އެކްތާ އާއި މަންމަ ޝޯބާ ކަޕޫރު އަދި ޕްރިޔާ ސްރީދަރަން ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުގައި އަޔުޝްމާން ޖާ، ނުޝްރަތް ބަރުޗާ، ރާޖް ކުމާރު ރާއޯ، ނެހާ ޗައުހާން، އަމިތް ސިއާއީ، ހެރީ ތަންގްރީ އަދި އާޝިޝް ޝަރުމާ ހިމެނެއެވެ.

2 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި 9.8 ކޮރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.