ޚަބަރު

ޗައިނާ މާކެޓް ރާއްޖޭގެ ފަތުރުވެރިކަމުގެ ގަދަ 10ގައި


ހަތަރު ދުވަސްތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ގަދަ 10ގެ 9 ވަނައިގައި ޗައިނާ ހިމެނިއްޖެއެވެ.

ކޯވިޑަށްފަހު ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަން ފެށީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ކޯވިޑް-19 ގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284029 (ދެ ލައްކަ އަށްޑިހަ ހަތަރު ހާސް ނަވާވީސް) ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޗައިނާ ހިމެނުނީ އެ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. ނަމަވެސް ކޯވިޑް-19 އާއެކު އެ ޤައުމުގައި ދަތުރުފަތުރުކުރުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން މިވީ 3 އަހަރު ތެރޭގައި ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.

އެހެންނަމަވެސް، ޗައިނާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅިގެން، 198 ފަތުރުވެރިންނާއެކު ޗައިނާގެ ފުރަތަމަ ފްލައިޓް ވަނީ މިމަހުގެ 18 ވަނަ ދުވަހު ރާއްޖެ އައިސްފައެވެ. މި ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާގެ ބެއިޖިންގ ކެޕިޓަލް އެއަރލައިންސް އިންނެވެ. މި އެއަރލައިނުން ހަފްތާއަކު 4 ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ޖުމްލަ 2339 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއާއެކު ޗައިނާ މާކެޓް މިވަނީ ފަސް ދުވަހުގެ ތެރޭގައި ގަދަ 10 މާކެޓްގެ ތެރެއިން 9 ވަނައަށް އަރާފައިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ޗައިނާ ފަތުރުވެރިން ގަދަ 3 މާކެޓްގެ ތެރޭގައި ހިމެނޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ބެއިޖިންގ ކެޕިޓަލް އެއަރލައިންގެ އިތުރުން، ޗައިނާގެ އިތުރު 2 އެއަރލައިނަކުން ރާއްޖެއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޗައިނާ އީސްޓަން އެއަރލައިން އާއި ހޮންގްކޮންގ އެއަރލައިންއެވެ.

ޗައިނާ އީސްޓަން އެއަރލައިނުން ދަތުރުތައް ކުރާނީ މިޖެނުއަރީ މަހުގެ 28 އިން މާރޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުތައް ކުރާނީ ޝަންހާއީ ޕުޑޮންގ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތަކުގައި އެ އެއެއަރލައިނުން ބޭނުންކުރާނީ 232 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ. މި އެއަރލައިނުން ހަފްތާއަކު 1 ދަތުރުކުރާނެއެވެ.

އަދި ހޮންގކޮންގ އެއަރލައިނުން މިމަހު ރާއްޖެއަށް ދަތުރުފަށާއިރު މިދަތުރުތައް ކުރާނީ މާރޗް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެއަރލައިނުން ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރާނީ ހޮންގކޮންގ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ 292 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން، މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ޖުމްލަ 16974 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތާފަސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 115،177 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 89369 ފަތުރުވެރިންނާއި އަޅާބަލާިއރު %28.9 އިތުރު އަދަދެކެވެ.

ސަރުކާރުން މިއަހަރު އަމާޒު ހިފައިފައިވަނީ 1.8 ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. ނަމަވެސް ކޯވިޑަށްފަހު ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަލުން ޒިޔާރަތްކުރަން ފެށުމާއެކު މިއަދަދު ބަދަލުވުމަކީ އެކަށީގެންވާކަމެއް ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.