ޚަބަރު

ޅ.ހިންނަވަރުގައި އިމާރާތް ކުރާ 100 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފި


ޅ.ހިންނަވަރުގައި އިމާރާތް ކުރާ 100 ހައުސިންގ ޔުނިޓްގެ ބިންގާ އަޅައިފިއެވެ.

ޅ.ހިންނަވަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހިންނަވަރުގައި އިމާރާތް ކުރާ ހައުސިންގ ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިންގ މިނިސްޓްރިގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ އިތުރުން އެރަށު ކައުންސިލްގެ މެންބަރުންނެވެ.

އާބާދީ އިތުރުވަމުން އަންނަ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ޅ.ހިންނަވަރުގައި 100 ހައުސިން ޔުނިޓް ހަދަން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މި މަޝްރޫއު ދަށުން ހިންނަވަރުގައި 700 އަކަފޫޓުގެ 2 ބުރީގެ 50 ރޯ ހައުސް އަދި 50 ހައުސިން ޔުނިޓް އިމާރާތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންރޫމް، ބަދިގެ، ކާގެ އިތުރުން ލޯންޑްރީ އަކާއި ސްޓޯރޫމްއެއް ހުންނާނެއެވެ.

ޅ.ހިންނަވަރުގައި އިމާރާތް ކުރާ 100 ހައުސިންގ ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ މާލެއާއި އެއްގޮތަށް ބިން ކުޑަވެ ގެދޮރުގެ ދަތިކަން ދިވެހިރާއްޖޭގައި ދިމާވި ފުރަތަމަ ރަށްތަކުގެ ތެރޭގައި ޅ.ހިންނަވަރު ހިމެނޭކަމެއެވެ. މިހެން ވުމުގެ ސަބަބުން ބިން ހުސްވެ ގެތައް ބައިބައިވެ ކުދި ކުދި ތަންތަންކޮޅު ހަދާ ދިރިއުޅެން މަޖުބޫރުވެފައިވާ އާއިލާތައް ތިބިކަން އަކްރަމް ފާހަގަ ކުރެއްވިއެވެ.

" މާލެއާއި އެއްގޮތަށް ބިން ކުޑަވެ ގެދޮރުގެ ދަތިކަން ދިވެހިރާއްޖޭގައި ދިމާވި ފުރަތަމަ ރަށްތަކުގެ ތެރޭގައި ޅ.ހިންނަވަރު ހިމެނޭ. ހިންނަވަރުން ބިން ހުސްވެ ގެތައް ބައިބައިވެ ފޮތި ފޮތިކޮށް ކުދި ކުދި ތަންކޮޅު ކޮޅު ހަދާ އާއިލާތައް ދިރިއުޅެން މަޖުބޫރުވެފައިވުމުގެ ސަބަބުން އެތައް އާއިލާތަކެއް ދިރިއުޅެމުންދަނީ ވަރަށް ދަތިހާލުގައި" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ އޭރުގެ ސަރުކާރުގެ އަމާޒަކަށްވީ ޅ.ހިންނަވަރުގެ ބިން ހިއްކާ ހިންނަވަރުން ގޯތި ދޫކޮށް ހިންނަވަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައައް އަވަސް ހައްލެއް ގެނައުމެވެ.

މިމަސައްކަތުގެ ކޮންޓްރެކްޓަރ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑުންވަނީ މިމަޝްރޫއުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ބަރު ވެހިކަލާއި އެހެނިހެން ސާމާނު މިިދިޔަ ޖުލައިމަހު އެރަށަށް ގެންގޮސްފައެވެ. އަދި މިހާރު މިވަނީ ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅާފައެވެ.

މިމަޝްރޫޢުގެ ތެރޭގައި ހިމަނައިގެން، ހައުސިން ޔުނިޓްތައް ހަދާ ސަރަޙައްދަށް ބޭނުންވާ ބައެއް އާއްމު ޚިދުމަތްތައްވެސް ޤާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ހައުސިން ޔުނިޓްތައް ހިމެނޭ ސަރަޙައްދު އަލިކުރުމަށް ލައިޓް ޖެހުމާއި، ވެހިކަލް ޕާކުކުރާނެ އޭރިއާއެއް ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ހައުސިން ޔުނިޓްތަކަށް ދިރިއުޅުން ބަދަލުކުރާ އާއިލާތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް، އެތަނުގައި ޕާކެއް ހެދުމަށްވެސްވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާ މި މަޝްރޫޢަށް 83 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚަރަދުވެއެވެ. މި މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ޅ.ހިންނަވަރަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑެތި ރަށްތަކުގެ ތެރެއިން ރަށެކެވެ. ހިންނަވަރުގައި ރަޖިސްޓްރީވެފައިވާ އާބާދީ 5000 އަށްވުރެ އިތުރެވެ.