ޚަބަރު

ގއ. ދާންދޫ ދޯންޏެއް މަހަށް ނުކުމެ އުޅެނިކޮށް ބިންދައިގެންގޮސްފި


ގއ. ދާންދޫ ފައިރޯދި ދޯނި މިއަދު ފަތިހު މަހަށް ނުކުމެ އުޅެނިކޮށް ބިންދައިގެން ގޮސްފިއެވެ. ދާންދޫ ކައުންސިލްގެ ރައީސް އާސިފް ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު ހަތަރުގަޑި ސާޅިސްފަހެއް ހާއިރުކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ޕީއެސްއެމް ނިއުސްއާއި މަޢުލޫމާތު ހިއްސާކުރަމުން ފަހިރޯދި ދޯނީގެ ކެޕްޓަން ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ. 19 މީހުންނާއެކު މަހަށް ނުކުތް މި ދޯނި ބިންދައިގެން ދިޔައީ ކަނޑުގަނދަވެގެން ނޫންކަމަށް އޭނާ ބުންޏެވެ.

މި ދޯނި ބިންދައިގެން ދިޔައީ އެންދަމައި ބަރުކޮށްގެން މަސްވެރިކަމަށް ހުވަދޫ ކަނޑުގެ ސަތޯރަހައަށް ނުކުންނަން އުޅެނިކޮށްކަމަށް ބޯޓުގެ ކެޕްޓަން މައުލޫމާތުދެއެވެ. މިއީ މަސްވެރިކަމަށް މަޝްހޫރު ސަރަހައްދެކެވެ. މިހާދިސާ ހިނގާފައިވަނީ ގއ. އަތޮޅާ 3 މޭލު ބޭރުންނެވެ.

މިދޯނިން ދަތުރު ކުރި އެންމެން މިހާރު ތިބީ އެހީތެރިކަމަށް ދިޔަ ސީކިންގް ދޯނީގައެވެ. ޢަބްދުﷲ ރަޝީދު ބުނީ ދޯނި ބިންދައިގެން ދިޔަތާ 30 މިނެޓް ތެރޭގައި ސީކިންގް އެ ސަރަޙައްދަށް އައިސް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. މި ޙާދިސާ ހިނގުމާއެކު ކޫއްޑޫގައި އޮންނަ މިފްކޯގެ ރަންދި 23 ބޯޓުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ދޯނީގެ ދެބައި، ދާންދޫ ދެ ދޯނީގެ އެހީތެރިކަމާއެކު ދާންދޫއަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.