ދުނިޔޭގެ ވިޔަފާރި

އެމެޒޯން އިން ވާޖީނިއާގައި ބޮޑު އިންވެސްޓްމަންޓެއް


އެމެޒޯން ކުންފުނިން، އެމެރިކާގެ ވާޖީނިއާގައި 2040 ވަނަ އަހަރުގެ ނިޔަލަށް 35 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށް ބުނެފިއެވެ.

އެމެޒޯން ވެބް ސާވިސަސް، އޭޑަބްލިއުއެސް އިން ބުނިގޮތުގައި އާ އިންވެސްޓްމަންޓުގެ ސަބަބުން 1000 ވަޒީފާގެ ފުރުސަތު ހުޅުވޭނެއެވެ.. ވާޖީނިއާގެ ރިޕަބްލިކަން ޕާޓީގެ ގަވަރުނަރު ގްލެން ޔަންގްކިން ވިދާޅުވީ އޯއެސް އިން މުޅި ވާޖިނިއާގައި ގިނަ ޑޭޓާ ސެންޓަރު ކެމްޕަސްތަކެއް ގާއިމްކުރާނެ ކަމަށެވެ.

އެމެޒޯން ޑޮޓްކޮމް އިންކްގެ ކްލައުޑް ސާވިސަސް، އޭޑަބްލިޔުއެސް އިން ބުނީ 2011 އިން 2020 އަށް ވާޖީނިއާގެ އުތުރުގައި ހުންނަ ޑޭޓާ ސެންޓަރުތަކަށް 35 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށާއި، އެ ސްޓޭޓްގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި ފުލް ޓައިމް 3،500 މުވައްޒަފުން ތިބި ކަމަށެވެ.

އެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ރުހުން ހޯދުމަށް ވާޖިނިއާއިން ދަނީ އާ "މެގާ ޑޭޓާ ސެންޓަރ އިންސެންޓިވް ޕްރޮގްރާމް" އެއް ތަރައްގީ ކުރަމުންނެވެ. މިކަމަކީ އިކުއިޕްމަންޓާއި ސޮފްޓްވެއާއިން، ޑޭޓާ ސެންޓަރ ސޭލްސް އެންޑް ޔޫސް ޓެކްސްގެ އިސްތިސްނާ 15 އަހަރާއި ހަމައަށް އިތުރުކުރުމުގެ ފުރުސަތު ކުންފުންޏަށް ލިބިގެންދާނެ ކަމެކެވެ.

އަދި "ސައިޓް ހެދުމަށާއި އިންފްރާސްޓްރަކްޗާ ރަނގަޅުކުރުމާއި، ވޯކްފޯސް ޑިވެލޮޕްމަންޓާއި، ޕްރޮޖެކްޓާ ގުޅުންހުރި އެހެނިހެން ހަރަދުތަކަށް" 140 މިލިއަން އެމެރިކާ ޑޮލަރާއި ހަމައަށް ދައުލަތުގެ ހިލޭ އެހީއެއް ވެސް އޭޑަބްލިއުއެސް އަށް ލިބޭނެއެވެ.

އުތުރު ވާޖިނިއާގައި "އެޗްކިއު2" ގެ ނަމުން މަޝްހޫރު ދެވަނަ މައި އޮފީސް ހުންނާނެ ކަމަށާއި، އެ އޮފީސް ނިމޭއިރު 25،000 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާނެ ކަމަށް 2018 ވަނަ އަހަރު އެމެޒޯން އިން ވަނީ އިއުލާނުކޮށްފައެވެ.