މަސްތުވާތަކެތީގެ ފަރުވާ ބޭނުންވެފައި ތިބި މީހުންނަށް އަމާޒުކޮށް ހދ.ކުޅުދުއްފުށީގައި ފަރުވާގެ ޕްރޮގްރާމް ފެށުމަށް ތައްޔާރުވެއްޖެއެވެ. ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭ އިން ވިދާޅުވީ ކުޅުދުއްފުށީގައި ފަރުވާ ބޭނުންވާ މީހުންނަށް ކޮމިއުނިޓީ ބޭސްޑް ޓްރީޓްމަންޓް ޕްރޮގްރާމްތަކެއް ފަށާނީ މާދަމާކަމަށެވެ. މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެންޑިއޭއާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލް، އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެންނެވެ.
ކޮމިއުނިޓީ ބޭސްޑް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ ބޭހުގެ ޒަރިއްޔާއިން ފަރުވާ ދިނުމުގެ އިތުރުން މުޖުތަމަޢުގައި ބައިތިއްބައިގެން ދެވޭ ފަރުވާގެ ނިޒާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 25 އަހަރުގެ މަސްތުވާތަކެތީީގެ ފަރުވާއަށް ބޭނުންވެފައިވާ ޒުވާނުންނަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެތެޑޯން ޓްރީޓްމަންޓްއާއިއެކޮށް، ކޮމިއުނިޓީ ރީއިންޓަރގްރޭޝަން ހިމަނައިގެންނެވެ.
ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން އެންޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިޝަތު މެހެރިނާ ވިދާޅުވީ، މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ މަސްތުވާތަކެތީގެ ފަރުވާއަށް ބޭނުންވެފައި ތިބި ޒުވާނުންނަށް އެފުސަތު ފަހިކޮށްދިނުންކަމަށެވެ.
The meeting to identify roles of different authorities of Kulhudhufushi, during the community-based treatment & rehabilitation program. pic.twitter.com/cgTdWvwaMD
— National Drug Agency (@NDA_MV) January 21, 2023
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން މިހާރު ވަނީ ތަމްރީންކޮށްފައެވެ. އޭގެތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އެކިއެކި މުވައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ހިމެނެވެ.
އެންޑީއޭއިން ކުޅުދުއްފުށި ސިޓީގައި މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ނިންމެވީ އެސިޓީއަކީ މަސްތުވާތަކެތީގެ ފަރުވާ ބޭނުންވެފައި ތިބި ގިނަ ބަޔަކު ތިބި ރަށަކަށްވެފައި، އަދި މަސްތުވާތަކެތީގެ ވިޔަފާރިވެސް ކުރަމުންއަންނަ ރަށަކަށްވާތީކަމަށް އެންޑީއޭގެ ޑެޕިއުޓި ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ. އަދި މިކަހަލަ ރިހެބިލިޓޭޝަން އެވެއަރނަސް ޕްރޮގްރާމްއެއްގައި ބައިވެރިވާން ބޭނުންވެފައި ބިތި ބަޔަކު އެބައުޅޭކަމަށާއި، އެހެންކަމުން މިފަދަ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން މުހިންމުކަމަށް އެންޑީއޭ އިން ވިދާޅުވިއެވެ.
މެހެރީނާ ވިދާޅުވީ، އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން މަސްތުވާތަކެތީގެ ވަބާގައި ޖެހިގައިވާ މީހުން ގިނައިން ތިބި އަތޮޅުތަކުގައި "ރީހެބްލިޓޭޝަން އެވެއަރނަސް" ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައިވާކަމަށެވެ.
މި ޕްރޮގްރާމް ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ.