ވިޔަފާރި

ރާއްޖެއަށް ލައްކައެއްހާ ފަތުރުވެރިން، ގިނައީ ރަޝިއާއިން


އަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ”މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސް“ ރިޕޯޓްގައިވާގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މުޅި ޖުމްލަ 97،873 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2022 ވަނަ އަހަރާއި އަޅާބަލާއިރު %22.8 ކުރިއެރުމެކެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 79،718 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ޤައުމު:

◆ ރަޝިއާ - 15،218 ފަތުރުވެރިން
◆ އިޓަލީ - 10،660 ފަތުރުވެރިން
◆ އިންޑިއާ - 9،242 ފަތުރުވެރިން
◆ އިނގިރޭސިވިލާތް - 7،982 ފަތުރުވެރިން
◆ ޖަރުމަނުވިލާތް - 5،980 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5437 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި 8.2 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ޗައިނާއަކީ ކޯވިޑް19 ގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. 3 އަހަރުގެ މެދުކެނޑުމަކަށްފަހު މިމަހުގެ 18 ވަނަ ދުވަހު ވަނީ ޗައިނާއިން ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. މި ދަތުރުތަކާއެކު ޗައިނާ ރާއްޖޭގެ ޓޮޕް މާކެޓްގައި ވާދަކޮށް މިއަހަރު ސަރުކާރުން ރާއްޖެއަށް ގެނައުމަށް އަމާޒުހިފި 1.8 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.