ޚަބަރު

ފީ ބަަލައިގަނެވޭނެ ގޮތަށް އަދި ތައްޔާރުވެފައިވަނީ 19 ކައުންސިލު


ވެހިކަލް ފީ ބަލައިގަނެވޭގޮތަށް މިހާތަނަށް އަދި ތައްޔާރުވެފައި ވަނީ 19 ކައުންސިލެއްކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ވެހިކަލްތަކުގެ ފީީ ބަލައިގަތުމަކީ އެ ވެހިކަލެއް ރަޖިސްޓްރީ ވެފައިވާ ކައުންސިލެއްގެ މަސްއޫލިއްޔަތެއްގޮތުގައި ވަނީ ކަނޑައަޅާފައެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙަމަދު ޢަބްދުލްޣަނީ ވިދާޅުވީ، މިގޮތަށް ކަނޑައަޅާފައިވީނަމަވެސް އަދި ފީ ބަލައިގަންނަމުންދަނީ 19 ކައުންސިލަކުންކަމަށެވެ.

ޙަމަދު ވިދާޅުވީ ބާކީ ތިބި ކައުންސިލްތަކުންވެސް ބޭންކް އޮފް މޯލްޑިވްސްއާއި ފިނޭންސް މިނިސްޓްރީއާގުޅިގެން އެކަމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށެވެ. މިކަން ކުރުމަށް މިނިސްޓްރީން ފުރަތަމަ މުއްދަތެއްގެގޮތުގައި ދީފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 31 ގެ ނިޔަލަށެވެ. ނަމަވެސް މިއީ ކައުންސިލްތަކުން އަލަށް ކުރަން ފަށާކަމެއްކަމުން، އެ އިންތިޒާމްތައް ހަމަޖެހެމުންދާ ވަރަކަށް، އެ ކައުންސިލްތަކުން މި ޚިދުމަތް ލިބިގެންދާނެކަމަށް ޙަމަދު ވިދާޅުވިއެވެ.

"އެބޭފުޅުންދަނީ މިހާރު ބެންކް އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުން. އެ މަސައްކަތް ނިމުމުން އެ ކައުންސިލްތަކުން އެ ޚިދުމަތް ދެވިގެންދާނެ" ޙަމަދު ވިދާޅުވިއެވެ.

މިހާރު އުޅަނދުތަކުގެ ފީ ބަލައިގަނެވޭނެ ކައުންސިލްތަކަކީ އައްޑޫ ސިޓީ ކައުންސިލް، ބ. ދަރަވަންދޫ ކައުންސިލް ، ބ. ގޮއިދޫ ކައުންސިލް ، ފުވައްމުލަކު ސިޓީ ކައުންސިލް، ގއ. ދާންދޫ ކައުންސިލް، ހއ. މާރަންދޫ ކައުންސިލް، ކުޅުދުއްފުށީ ސިޓީ ކައުންސިލް، ލ. ފޮނަދޫ ކައުންސިލް، ޅ. ނައިފަރު ކައުންސިލް، މާލެ ސިޓީ ކައުންސިލް، ނ. ކެނދިކުޅުދޫ ކައުންސިލް، ނ. މަނަދޫ ކަައުންސިލް، ނ. ވެލިދޫ ކައުންސިލް، ނ. ވެލިދޫ ކައުންސިލް، ރ. މީދޫ ކައުންސިލް، ށ. ކޮމަންޑޫ ކައުންސިލް، ށ. ޅައިމަގު ކައުންސިލް، ށ. މިލަންދޫ ކައުންސިލް، ށ. ނޫމަރާ ކައުންސިލް، ތ. ދިޔަމިގިލީ ކައުންސިލެވެ.

އެއްގަމު އުޅަނދު ފީއާއި، ކަނޑުގައި ދުއްވާ އުޅަނދުގެ ފީއާއި، ޓްރެފިކް އަދި ޕާކިން ވަޔަލޭޝަން ޖޫރިމަނާ ފީތައް މީގެ ކުރިން ބަލައިގަންނަމުން ދިޔައީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. އެހެންނަމަވެސް ގަވާއިދަށް ބަދަލު ގެނެސް، މި ފީތައް ބަލައިގަތުމަކީ ވެހިކަލް ރަޖިސްޓްރީވެފައިވާ ކައުންސިލެއްގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތެއްގެގޮތުގައި ހަމަޖެއްސީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.

މިދިޔަ ޑިސެމްބަރު 31، ވަނަ ދުވަހުގެ ކުރިން ފީ ބަލައިގަނެވޭނެ އިންތިޒާމުތައް ކައުންސިލުތަކުން ހަމަޖެއްސުމަށް އެދި ފިނޭންސް މިނިސްޓްރީއިން ސާކިއުލާއެއް ވެސް ކައުންސިލްތަކަށް ފޮނުވިއެވެ. އެ ސާކިއުލާގައި ވާގޮތުން ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ "ސަވާރީ ޕޭ" މެދުވެރިކޮށެވެ.

އެ ބަދަލަށް ފަހު އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީ އިން ލިބޭ އާމްދަނީ ލިބޭނީ ކައުންސިލްތަކަށެވެ. ކައުންސިލްތަކުން ދެމުން ގެންދާ އެކި ޚިދުމަތްތަކުގެ ފީގެ ގޮތުގައި ލިބޭ ފައިސާ އާއި ކައުންސިލްތަކުގެ އިޙްތިޞާސްގައިވާ ރަށްރަށް ކުއްޔަށްދީގެން ލިބޭ އާމްދަނީ ވެސް ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ލިބެނީ ކައުންސިލްތަކަށެވެ.