ވިޔަފާރި

މޯލްޑިވިއަނުން އަލަށް ގެނައި ބޯޓު ބޭނުންކުރަނީ، ފުރަތަމަ އައްޑޫއަށް


އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަނުން ގެނައި 2 ބޯޓުގެ ތެރެއިން 1 ބޯޓު މިއަދުން ފެށިގެން ޚިދުމަތުގައި ބޭނުންކުރަން ފަށާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަނުން މިމަހުގެ 4 ވަނަ ދުވަހު ވަނީ 2 ބޯޓު ރާއްޖެ ގެނެސްފައެވެ. މި ބޯޓުތައް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މޯލްޑިވިއަނުން ވިދާޅުވީ، މި 2 ބޯޓުގެ ތެރެއިން 1 ބޯޓު ޚިދުމަތުގައި ބޭނުންކުރަން ފަށާނެކަމަށެވެ. އެގޮތުން މި ބޯޓު ދަތުރުކުރާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. އަދި ކުރިއަށްއޮތް ތަނުގައި އެތެރޭގެ އެހެން މަންޒިލްތަކަށްވެސް މި ބޯޓު ދަތުރުކުރާނެއެވެ.


އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން މޯލްޑިވިއަނުން ގެނެސްފައިވަނީ އޭޓީއާރު 72 މަރުކާގެ 2 ބޯޓެވެ. މިއީ 74 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ. އަނެއްބޯޓުވެސް ކުރިއަށްއޮތް ދެތިން ދުވަހުގެ ތެރޭގައި ޚިދުމަތަށް ނެރޭނެކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.

މި ދެ ބޯޓަކީ ޒަމާނީ ވަސީލަތްތައް ހިމެނޭ، ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދުވެސް ކުޑަ ދެ ބޯޓެވެ. މިބޯޓުތަކާއެކު މޯލްޑިވިއަނުން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި ދެ ބޯޓުގެ އިތުރުން، އެތެރޭގެ އުދުހުންތަކަށް އިތުރު އެއް ބޯޓު ގެނައުމަށް ވަނީ ހަމަޖެހިފައިއެވެ. އެއީ އޭޓީއާރު 42 މަރުކާގެ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ. މޯލްޑިވިއަނުން ދާދިފަހުން ވަނީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ ބޯޓެއް ހޯދުމަށްވެސް އިޢުލާންކޮށްފައެވެ.