ޚަބަރު

ޗައިނާއިން އަލުން ރާއްޖެއަށް ގްރޫޕް އައުޓްބައުންޑް ދަތުރުތައް ފަށަނީ


ޗައިނާގެ ޓްރެވަލް އެޖެންސީތަކާއި އޮންލައިން ޓްރެވަލް ކުންފުނިތަކުން، ރާއްޖެ ހިމެނޭގޮތަށް ގްރޫޕް އައުޓްބައުންޑް ދަތުރުތައް އަލުން ފަށަން ތައްޔާރުވެއްޖެއެވެ.

ޗައިނާއިން މި ދަތުރުތައް ފަށަނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ.

ޗައިނާއަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ޗައިނާގައި ދަތުރުކުރުމަށް އެޅި ފިޔަވަޅުތަކާއެކު މިވީ 3 އަހަރު ތެރޭގައި ރާއްޖެއަށް ޗައިނާއިން އެއްވެސް ވަރަކަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.

އެހެންނަމަވެސް، ޗައިނާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅިގެން، 198 ފަތުރުވެރިންނާއެކު ޗައިނާގެ ފުރަތަމަ ފްލައިޓް މިމަހުގެ 18 ވަނީ ރާއްޖެ އައިސްފައިއެވެ. މި ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާގެ ބެއިޖިންގ ކެޕިޓަލް އެއަރލައިންސް އިންނެވެ. މި ފްލައިޓުން ރާއްޖެއަށް އައި ފަތުރުވެރިންނަށް ޓޫރިޒަމް މިނިސްޓްރީއާއި އެމް.އެމް.ޕީ.އާރު.ސީއިން ވަނީ ހޫނު މަރުޚަބާއެއް ކިޔައިފައެވެ.

ޗައިނާ އެމްބަސީން ވިދާޅުވީ، ކޯވިޑަށްފަހު ޗައިނާގެ ބޯޑަރު އަލުން ހުޅުވާލުމަށްފަހު، ޗައިނާ ރައްޔިތުން އެންމެ ދަތުރުކުރަން ބޭނުނުންވާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ. އެގޮތުން، އެޤައުމުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން، ގްރޫޕް ދަތުރުތައް ފަށަން ތައްޔާރަށް ތިބިކަމަށް ޗައިނާ އެމްބަސީން ވިދާޅުވެއެވެ.

އައުޓްބައުންޑް ގްރޫފް ދަތުރުތަކަކީ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އިންތިޒާމްކުރާ ދަތުރުތަކެކެވެ. މިފަދަ ދަތުރުތަކުގައި ރާއްޖޭގެ ސަޤާފަތާއި އަދާކަތައް ދެނެގަނެވޭ ތަޖުރިބާތައް އެކުލެވޭފަދަ ތަފާތު ޓުއަރ ޕެކޭޖްތައް ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ފޯރުކޮށްދޭނެއެވެ. ޗައިނާއަކީ ގްރޫޕްކޮށްކުރާ ދަތުރުތަކުގައި މަޝްހޫރު ޤައުމެކެވެ. މިފަދަ ދަތުރުތަކުގައި ޗައިނާ ފަތުރުވެރިންގެ މެދުގައި 4 ވަނަ އަށް އެންމެ މަޤްބޫލް މަންޒިލަކީ ރާއްޖެއެވެ.

މި ގްރޫޕް ދަތުރުތައް ޗައިނާއިން އަލުން ފަށަނީ ޖުމްލަ 20 ޤައުމަކަށެވެ. އެއީ ތައިލެންޑް، އިންޑޮނޭޝިއާ، ކެމްބޯޑިއާ، ދިވެހިރާއްޖެ، ސްރީލަންކާ، ފިލިޕީންސް، މެލޭޝިއާ، ސިންގަޕޫރު، ލާއޯސް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، މިސްރު، ކެންޔާ، ސައުތު އެފްރިކާ އަދި ރަޝިއާއެވެ.

ޗައިނާގެ ފުރަތަމަ އެއަރލައިންއިން ރާއްޖެއަށް އަލުން ދަތުރު ފަށައިފާވާއިރު އިތުރު 2 އެއަރލައިނަކުން ރާއްޖެއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޗައިނާ އީސްޓަން އެއަރލައިން އާއި ހޮންގްކޮންގ އެއަރލައިންއެވެ.

ޗައިނާ އީސްޓަން އެއަރލައިނުން ދަތުރުތައް ކުރާނީ މިޖެނުއަރީ މަހުގެ 28 އިން މާރޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުތައް ކުރާނީ ޝަންހާއީ ޕުޑޮންގ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތަކުގައި އެ އެއެއަރލައިނުން ބޭނުންކުރާނީ 232 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ. މި އެއަރލައިނުން ހަފްތާއަކު 1 ދަތުރުކުރާނެއެވެ.

މިމަހު ހޮންގކޮންގ އެއަރލައިނުން ރާއްޖެއަށް ދަތުރުފަށާއިރު މިދަތުރުތައް މާރިޗު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއަރލައިނުން ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރާނީ ހޮންގކޮންގ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ 292 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.

ކޯވިޑްއާއި ގުޅިގެން މެދުކެނޑުމަށްފަހު، ޗައިނާއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުޞޫމް ފާހަގަކުރައްވައެވެ. އަދި ފަހަތުން އަރާ ޗައިނާ މާރކެޓް ގަދަ 5 މަރކެޓްގެ ތެރޭގައި ހިމެނޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވެއެވެ.