ޚަބަރު

ރަވީނާގެ ދަރިފުޅާއި އަޖޭއަށް ބޮޑު ބޭބެ ކިޔާ އާމާން އެއް ފިލްމަކުން


އައު އަހަރާއެކު ބޮލީވުޑް އިންވެސް އަންނަނީ އައު ފިލްމުތަކެއް ތައާރަފް ކުރަމުންނެވެ. އެގޮތުން 2021 ވަނަ އަހަރު ދެއްކި ފިލްމު "ޗަންދީގަރު ކަރޭ އާޝީގީ" އަށްފަހު ޑައިރެކްޓަރު އަބީޝެކް ކަޕޫރު އަނެއްކާވެސް އަންނަނީ އައު ފިލްމަކަށް ތައްޔާރު ވަމުންނެވެ.

މިއަހަރު މަސައްކަތް ފަށަން ހަމަޖެހިފައިވާ މި ފިލްމަށް ހަމަޖައްސާފައި ވަނީ ބޮލީވުޑަށް މުޅިން އައު ދެ މީހުން ކަމަށްވާ ބަތަލާ ރަވީނާ ޓަންޑަންގެ އަންހެން ދަރިފުޅު ރަޝާ އަދި އެކްޓަރު އަޖޭ ދޭވްގަން އަށް ބޮޑު ބޭބޭ ކިޔާ އާމާން ދޭވްގަންއެވެ. މި ފިލްމުގައި އަޖޭވެސް މީގެކުރިން ނުފެންނަ ކަހަލަ ރޯލަކުން ފެންނާނެއެވެ.

ސައިފް އަލީޚާންގެ ދަރިފުޅު އަދި މިހާރު އަރަމުން އަންނަ ތަރި ސާރާ އަލީޚާންވެސް ބޮލީވުޑަށް ތައާރަފްވީ އަބީޝެކްގެ ފިލްމަކުންނެވެ. އެއީ 2018 ވަނަ އަހަރު ދެއްކި ލޯބީގެ ފިލްމު "ކޭދަރުނާތް" އެވެ. ސާރާގެ އިތުރުން ހަމަ އެ ފިލްމުން ފެނުނު އެކްޓަރު ސުޝާންތް ރާޖްޕުޓް ވެސް ބޮލީވުޑަށް ތަޢާރަފް ކުރީ އަބީޝެކްއެވެ. މި ދެމީހުންގެ އިތުރުން ފަރްހާން އަޚްތަރު އަދި ރާޖް ކުމާރު ރާއޯވެސް މި ލިސްޓުގައި ހިމެނެއެވެ.

އަޖޭ ދެން އެންމެ އަވަހަށް ފެންނާނީ 2019 ވަނަ އަހަރު ދެއްކި ތަމަޅަ ފިލްމު "ކެއިތީ" ގެ ހިންދީ ރީމޭކް "ބޯލާ" އިންނެވެ. މި ފިލްމުން އަޖޭގެ އިތުރުން ތާބޫ،އަމާލާ ޕޯލް، ސަންޖޭ މިޝްރާ އަދި ދީޕަކް ދޮބްރިޔާލް ވެސް ފެންނާނެއެވެ. ނީރާޖް ޕާންޑޭގެ ރޮމޭންޓިކް ތްރިލާ "މައިދާން" އަދި ރޯހިތު ޝެޓީގެ "ސިންގަމް އެގެއިން" އަކީވެސް އަޖޭ ސޮއިކޮށްފައިވާ ދެ ފިލްމެވެ.