ޚަބަރު

މުއްސަނދިންގެ ޔޮޓުތައް އުލިގަމަށް، މިދިޔަ އަހަރު 40، މިއަހަރު ދެގުނަ


ރާއްޖެއަކީ ދުނިޔޭގައި މަޤްބޫލު މަންޒިލެކެވެ. މުއްސަނދި ފަތުރުވެރިންގެ މެދުގައި ރާއްޖެ މަޤްބޫލުވެ ގިނަ އަދަދެއްގެ ފަތުރުވެރިން ޕްރައިވެޓު ޖެޓުތަކުގައާއި އަމިއްލަ ޔޮޓުތަކުގައި ކޮންމެ އަހަރަކުވެސް ރާއްޖެއަށް އާދެއެވެ. ހއ. އުލިގަމަކީ ގިނަ އަދަދެއްގެ ޔޮޓްތައް ބަދަރުކުރާ ރަށެކެވެ. ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ގިނަ އަދަދެއްގެ ޔޮޓްތައް އެރަށަށް ބަނދަރުކޮށް، ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ފައިބައެވެ.

އެންމެ ފުރަތަމަ އުލިގަމަށް ޔޮޓެއް ބަނދަރު ކުރިކަމަށް ރެކޯޑް ކުރެވިފައިވަނީ 21 ޖެނުއަރީ 1980 ވަނަ އަހަރުއެވެ. އުލިގަމުގައި އާއްމުގޮތެއްގައި ޔޮޓްތައް ބަނދަރު ކުރަނީ އަހަރު ނިމޭ ހިސާބުގައާއި ފެށޭ ހިސާބުގައެވެ. އޭރު އަހަރަކު 200 އެއްހާ ޔޮޓް އުލިގަމަށް ބަންދަރުކުރެއެވެ. އެހެންނަމަވެސް، ކޯވިޑް-19ގެ ބަލަިމަޑުކަމުގެ ސަބަބުން އެރަށަށް އަންނަ ޔޮޓްތަކުގެ އަދަދު ވަނީ މަދުވެފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު ވަނިީ އެރަށަށް ބަނދަރުކުރާ ޔޮޓްތަކުގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށައިފައެވެ.

މިޔޮޓްތައް އެރަށަށް ބަނދަރުކުރުމަށްފަހު ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ފައިބައެވެ. އެގޮތުން، ރަށަށް ފައިބައި ފަތުރުވެރިންނަށް ބާބަކިއުތަކާއި ކެއުންތައް ރަށުގެ ރައްޔިތުންނާއި ޔޮޓް އެޖެންޓުން އިންތިޒާމްކުރެއެވެ. އަދި ލޯންޑްރީ ނުވަތަ އަންނައުނު ދޮވުމުގެ ޚިދުމަތްވެސް ރަށަށް ފައިބައި ފަތުރުވެރިންނަށް ދަނީ ފޯރުކޮށްދެމުންނެވެ.

މިދިޔަ އަހަރު އުލިގަމަށް ޖުމްލަ 40 ޔޮޓް ބަނދަރުކޮށްފައިވެއެވެ. އަދި މިއަހަރު އެރަށަށް ޖުމަލް 80 ޔޮޓް ބަނދަރުކުރުމަށް ވަނީ ހަމަޖެހިފައިއެވެ.

ފަތުރުވެރިންގެ މަޤްބޫލު މަންޒިލަކަށް އުލިގަން

އުލިގަމަށް ގިނަ އަދަދަކަށް ޔޮޓް ބަނދަރުކުރާއިރު، އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެރަށަށް ފައިބާ ފަތުރުވެރިންނަށް ޚިދުމަތްދޭނެ ތަންތަން ރަށުގައި ޤާއިމްވެފައި ނެތުމެވެ. ނަމަވެސް، ދާދިފަހުން، އެރަށުގެ ކައުންސިލުން ވަނީ އެރަށުގައި ސިޓީ ހޮޓަލަކާއި ގެސްޓް ހައުސް ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފައެވެ. މިތަންތަނުން މިއަހަރު ނިމުމުގެ ކުރިން ޚިދުމަތްދޭން ފެށުމަކީ އެ ކައުންސިލްގެ އަމާޒެކެވެ.


ޕީއެސްއެމް ނިއުސްއަށް މަޢުލުމާތުދެއްވަމުން އުލިގަމު ކައުންސިލްގެ ރައީސް އަހްމަދު މުއާޒް ވިދާޅުވީ، މިއަހަރަގެ މިހާތަނަށް 6 ޔޮޓް އެރަށަށް ބަނދަރުކޮށްފައިވަކަމަށެވެ. އަދި އަންނަ ހަފްތާ ތެރޭގައި އިތުރު 8 ޔޮޓް ރަށަށް ބަދަރުކުރާނެކަމަށް މުއާޒް ވިދާޅުވިއެވެ. އުލިގަމުގައި ގެސްޓް ހައުސްއާއި ސިޓީ ހޮޓާފަދަ ތަންތަން ތަރައްޤީވުމުން ރަށުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް މުއާޒް ފާހަގަކުރެއްވިއެވެ.

" މިހާރު ރަށުން ފަތުރުވެރިންނަށް ސީދާ ޚިދުމަތްދޭނެ ތަންތަނެއް ނުހުރޭ. މިދެންނެވީ ރެސްޓޯރެންޓް ކަހަލަ ތަންތަން ނުހުރެ. އެހެންވީމަ ސިޓީ ހޮޓަލެއް ނުވަތަ ގެސްޓް ހައުސް ތަރައްޤީވެގެންދާއިރު، ފަތުރުވެރިންނަށް ޚިދުމަތްދޭނެ ރަނގަޅު ފެންވަރުގެ ތަންތަން ތަރައްޤީވެގެންދާނެ."

މުއާޒް ވިދާޅުވީ، ކައުންސިލްގެ އަމާޒަކީ ޔޮޓްތަކުން ރަށަށް އަންނަ ފަތުރުވެރިންނާއި އެހެން ގޮތްގޮތުން ރަށަށް އަންނަ ފަތުރުވެރިން އިތުރުކުރުމެވެ. އެހެންކަމުން، ދާދިފަހުން އަމަލީ މަސައްކަތްފެށި ހަނިމާދޫ އިންޓަރނޭޝަނަލް އެރަޕޯޓާއިއެކުވެސް ރަށުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އުއްމީދު ކުރައްވާކަަމށް މުއާޒް ވިދާޅުވިއެވެ. އަދި ކައުނސިލްގެ އަމާޒަކީ އެއަރޕޯޓްގެ މަސައްކަތް ނިމުމުގެ ކުރިން އެރަށުގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ގިނަ ތަންތަން އުލިގަމުގައި ތަރައްޤީކުރުންކަމަށްވެސް މުޢާޒް ވިދާޅުވިއެވެ.

އުލިގަމަށް ޔޮޓްތައް ބަނދަރުކޮށް ހަދަނީ އެޖެންޓެއް މެދުވެރިކޮށެވެ. މުއާޒް ވިދާޅުވީ، ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން އެޖެންޓެއްގެ ގޮތުގައި އާއި، އެދާއިރާގައި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރަށުގައި ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ފުރުސަތުތައް ފަހިކޮށްދިނުންކަމަށް މަސައްކަތްކުރައްވާކަމަށް މުއާޒް ވިދާޅުވިއެވެ.

ތިލަދުންމަތީގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އަންނަ ހަފްތާތެރޭގައި އިތުރު 3 ރަށެއް ބީލަމަށް ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.