ރާއްޖެއަށް ކުރެވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ.ސުބަރަމާނިޔަމް ޖެއިޝަންކަރު ރާއްޖެއިން ފުރާވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު ފުރާވަޑައިގަތީ ނ.މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. ޖައިޝަންކަރުއަށް އަލްވަދާޢު ދެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ޚަލީލުއާއި އެމިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދެދުވަހުގެ ރަސްމީ ދަތުރުފުޅުގައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްއާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާފައެވެ. އަދި ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މީގެއިތުރުން އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމު ކުރި 3 އެއްބަސްވުން ބަދަލުކުރުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއެއްބަސްވުންތަކުގެ ތެރޭގައި އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމުގެ ގޮތުން ޤާއިމުކުރި އެއްބަސްވުމަކާއި ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ އެއްބަސްވުމަކާއި، ޤައުމީ ޔުނިވާރސިޓީއަށް ބޭނުންވާ ފަންނީ ތަޖްރިބާ ހޯދައިދިނުމުގެ އެއްބަސްވުމެއްވެސްވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން އިންޑިއާގެ ފަރާތުން ރާއްޖެއަށް 2 ސީ އެމްބިއުލާންސްވެސްވަނީ ހަދިޔާކޮށްފައެވެ.
ޖައިޝަންކަރުގެ މިދަތުރުފުޅުގައިވަނީ ހއ. އުތީމަށް ވަޑައިގެން އެރަށުގައި ހުރި އާސާރީ ތަންތަން ބައްލަވާލައްވާފައެވެ.
އިންޑިއާގެ މާލީ އެހީތެރިކަމާއި ފަންނީ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި މުހިއްމު ބައިވެރިއެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ސަރަޙައްދީ ޤައުމުތަކުގެ ތަރައްޤީއަށް އިންޑިއާއިން އިސްކަންދޭއިރު އަވަށްޓެރި ޤައުމުތަކުގެ ތެރެއިންވެސް ރާއްޖެއަށް ޚާއްސަ ގާތްކަމެއް އިންޑިއާއިން އަބަދުވެސް ބަހައްޓާނެކަމަށް އިންޑިއާ ސަރުކާރުންވެސް ވިދާޅުވެއެވެ.