ޚަބަރު

ރައީސްގެ ސުވާލު: އާބާދީ މަދު ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ނުހިންގަންވީ ކީއްވެ؟


އާބާދީ މަދު ރަށްރަށަށް ތަރައްޤީގެ އެކި މަޝްރޫޢުތައް ގެނައުމަކީ ބޭކާރު ޚަރަދެއްކަމަށް ބައެއް މީހުން ދެކުނުނަމަވެސް އެފަދަ މަޝްރޫޢުތައް އެރަށްރަށަށް ނުގެނެސްދޭންވީ ސަބަބެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ށ.މިލަންދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ އާބާދީ މަދު ރަށްރަށުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމުން ބައެއް މީހުން ސުވާލު އުފައްދާކަމަށެވެ. އެއީ ބޭކާރު ޚަރަދެއްކަމަށްވެސް ބައެއް މީހުން ދެކޭކަމަށާއި، ނަމަވެސް އެފަދަ މަޝްރޫޢުތައް އާބާދީ މަދު ރަށްރަށަށް ނުގެނެސްދޭންވީ ސަބަބެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއީވެސް ދިވެހި ރައްޔިތުންކަމަށާއި އެފަރާތްތަކުންވެސް ދިވެހި ދައުލަތަށް ޓެކްސް ދައްކާކަމަށެވެ. އެހެންކަމުން، އެއިން އެއްވެސް ރަށެއް ބާކީ ނުކުރައްވާނެކަމަށާއި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވޭތުވެދިޔަ 4 އަހަރުތެރޭގައި މިލަންދޫ ދާއިރާގެ ތަރައްޤީއަށް އެކަނިވެސް 236 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދު ކޮށްފައިވާ ކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވެދާނެ މިއީ ބޭކާރު ޚަރަދެކޭ، ހަމަ ޔަގީން ފީވަކު ރައްޔިތުން އެހެން އެގޮތަކަށް ބަލައެއް ނުގަންނާނެކަން. ރައްޔިތުން އެއީ. ޓެކްސް ދައްކާ. ކީއްވެގެންތޯ އެރަށުގައި ދިރިއުޅޭ މީހުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބެންވީ، ސިއްޙީ ޚިދުމަތް ނުލިބެންވީ. ކީއްވެތޯ ދަތުރުފަތުރުގެ ޚިދުމަތް އެރަށުން ނުލިބެންވީ؟ އަޅުގަނޑުމެން އެއްވެސް ރައްޔިތަކު އަދި އެއްވެސް ރަށެއްވެސް ބާކީ ނުކުރާނަން." ރައީސް ވިދާޅުވިއެވެ.


މިލަންދޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ށ.އަތޮޅުގައި ސިނާޢީ މަސައްކަތްކުރަމުން އަންނަ ނަލަންދޫ އަނބުރާ ސަރުކާރަށް ނަގައި އެރަށް އެއަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ހުޅުވާލާ ރަށަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެތަނުގައި މިވަގުތު މަސައްކަތް ކުރަމުން އަންނަ ފަރާތުންވެސް އެތަނަށް އިންވެސްޓްމަންޓްތަކެއް ކޮށްފައި ހުންނާނެކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ އެފަރާތަށްވެސް ގެއްލުން ނުވާނެ ގޮތަކަށް ބަދަލު ދިނުމަށްފަހު އެރަށް ފަތުރުވެރިކަން ކުރިއެރުވުމަށް ދިނުންކަމަށެވެ.

މިހާރު އަގު ކަނޑައަޅާ ނިމިފައިވާއިރު ދެފަރާތުން މިކަމުގައި މަޝްވަރާކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ނަލަންދޫގައި ފަތުރުވެރިކަން ކުރުމަށް ޝައުގުވެރިވާ އިންވެސްޓަރުންވެސް ތިބިކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ 5 އަހަރު ނިމިގެންދާއިރު މިލަންދޫގައި ފަތުރުވެރިކަން އޮންނާނެކަމަށެވެ. ފަތުރުވެރިކަމުގެ އިތުރުން މިލަންދޫގައި، އެރަށުގެ ޒުވާނުންނަށް އެންމެ ޒަމާނީ ފެންވަރުގެ ދުވާ ޓްރެކެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.