މި ސަރުކާރުން ދައްކާ ދިނީ ޒާތިވެ ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭކަންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިސްވެރިން ބައްދަލުކުރެއްވުމަށް ފަހު ކުރި ޓްވީޓަކާއި ގުޅިގެންނެވެ.
އިދިކޮޅު ކޯލިޝަންގެ ބޮޑު ޓީމެއް ރައީސް ޔާމީނާއި ބައްދަލުކުރެއްވުމަށް މާފުށީ ޖަލަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މި ބައްދަލުވުމަށްފަހު މާފުށީ ޖަލުގެ ކުރިމަތީގައި ނެގި ފޮޓޯތަކެއް ހިއްސާކުރަމުން ޕީއެންސީގެ ރައީސްވަނީ، ރައީސް ޔާމީނާއި ބައްދަލުވެޑައިގެންނެވިކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ހުންނެވީ ގަދަކޮށްކަމަށްވެސް ވިދާޅުވެފައެވެ.
މި ޓްވީޓް ޝެއަރކުރެއްވުމަށްފަހު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީނާއި ބައްދަލުކުރުމަށް ފުރުސަތު ލިބުމުން އެނގިގެންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހިތްތިރިކަމާއި އޯގާތެރިކަން ކަމަށެވެ. އަދި މީ ސަރުކާރުން ޒާތީވެ ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭކަން އެނގިގެންދާކަމެއްގެ ގޮތުގައި އިމްރާން ވަނީ ސިފަކުރައްވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުންވަނީ ޖަލަލަށްލާފައެވެ. އަދި އެ ފަރާތްތަކުގެ އާއިލީ ބައެއް ބައްދަލުވުންތަކަށް ދަތިކޮށް ހުރަސްތައް ކުރިމަތިކުރުވާފައިވާކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. އިމްރާން ވިދާޅުވީ މިދިޔަ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލާ ސަރުކާރުން ކަންކޮށްފައިވަނީ ވަރަށް އިހާނެތިކޮށްކަމަށެވެ.
Mi kamun angaidhenee alhugadu jalugahuri iru kithanme ihaanethikoh kankuri namaves alhugandumen zaatheeve badhalu hifumuge roohu nugengulheykan.@ibusolih hiy thirikama oagaverikan https://t.co/st47GjMYRD
— Imran Abdulla (@ShimranAb) January 19, 2023
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ނަންގަވާ އެ ފައިސާ ލޯންޑަރކުރި ކުށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވެ، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެތެރޭގައެވެ. މި ހުކުމުގެ ސަބަބުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެެއްވުމުގެ ފުރުސަތު ޔާމީނަށް ވަނީ ހަނިވެފައެވެ.