ޚަބަރު

ރައްޔިތުންނާ ދެން ބައްދަލުކުރާއިރު ބިލެތްފަހި އެއަރޕޯޓް އޮންނާނީ ފެށިފައި: ރައީސް


ށ.ކަނޑިތީމު ދާއިރާގެ ރައްޔިތުންނާއި އެމަނިކުފާނު ދެން ބައްދަލުކުރައްވާއިރު އެދާއިރާގެ ބިލެތްފަހީގައި އެއަރޕޯޓުގެ މަސައްކަތް ފެށިފައި އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބިލެތްފަހި ހިމެނޭ ކަނޑިތީމުގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވީ ދަތުރު ފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމުގެ ތެރެއިން ށ. ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށެވެ. އަދި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ޓެންޑަރ ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.


ރައީސް ވަނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ދެން އެމަނިކުފާނު އެރަށަށް ވަޑައިގަންނަވާއިރު އެއަރޕޯތްގެ މަސައްކަތް ފެށިގައި އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން އަޅުގަނޑު މިރަށަށް އައިސް ބައްދަލުކުރާއިރުގައި އަޅުގަނޑުގެ އުއްމީދަކީ އެ މަސައްކަތް ބިލެތްފަހީގައި ކުރެވިގެންދާތަން ފެނިގެން ދިއުން." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ވަކިވަކި ރަށްރަށްތަކަށް އޮންނަ ގައުމެއްގައި އެއްރަށް އަނެއްރަށާ ގުޅާނުލާ ތަރައްޤީ ނުކުރެވޭނެކަމަށް ވިދާޅުވިއެވެ. އެގޮތައް ގުޅާލުމަށް ސަރުކާރުން ގެންގުޅުނު އެންމެ މުހިންމު އެއް ސިޔާސަތަކީ ދަތުރުފަތުރު ނިޒާމުން މުޅި ރާއްޖެ ގުޅާލުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އާރުޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް ށ އަތޮޅުގައިވެސް ދޭން ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ މަންފާއާއި ފައިދާ ރައްޔިތުންނަށް ކުރާތަން ފެނުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއްކަމަށް އެމަނިކްފާނު ވިދާޅުވިއެވެ. އެގޮތަށް އެއްރަށް އަނެއްރަށާ ގުޅާނުލާ ހަގީގީ އިޤްތިސާދީ މަންފާއެއް ރައްޔިތުންނަށާއި، ގައުމަކަށް ނުގެނޭވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަނޑިތީމު ދާއިރާގައި ހިމެނޭ 5 ރަށް މީގެ ކުރިން އޮތީ ރައްޔިތުން އުޅޭނެ ހާލެއްގައިވާން ދޫކޮށްލާފައިކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ހަމަހަމަ ސިޔާތާ އެއްގޮތައް ކަންކަން ކުރަމުން އައިސް ޒަމާނުންސުރެ އެކަހިރިކޮށްފައި އޮތްއޮތުން ދުރުކޮށް، އެ ދާއިރާގެ ފަސްރަށުގައި ތަރައްޤީގެ މަސްރޫއުތައް ހިންގުމަށް 168 މިލިއަން ރުފިޔާ މިސަރުކާރުން ޚަރަދުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.