ޚަބަރު

މާދާމާއިން ފެށިގެން ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް، ފުރަތަމަ 2ހަފްތާ ހިލޭ


ވިލިމާލޭގައި ދޭންފަށާ ބަހުގެ ޚިދުމަތަށް ފުރަތަމަ ދެހަފްތާގެ ތެރޭގައި އަގު ނުނަގާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.

ވިލިމާލޭގެ ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30ގައެވެ. އެމްޓީސީސީން ވަނީ ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުމަށް މިހާރު ބަސްތަށް ވިލިމާލެއަށް ގެންގޮސްފައެވެ. އެގޮތުން ވިލިމާލޭގައި ބަހުގެ ޚިދުމަތަށް 6 ބަސް ބޭނުންކުރުމަށް ނިންމާފައިވެއެވެ. އެއިން ކޮންމެ ބަހެއްގައި 11 ގޮނޑީގަ އަދި ހަތަރު މީހުން ކޮޅަށް ތިބެވޭނެއެވެ. ވިލިމާލޭގައި އެމްޓީސީސީން ބޭނުންކުރާނީ އެކުންފުނިން ދާދި ފަހުން ރާއްޖެ ގެނައި ތިމާވެއްޓާއި ރައްޓެހި ކުއިލެކްޓްރިކް ބަސްތަކެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ ވިލިމާލޭގައި ފަށާ ބަހުގެ ޚިދުމަތަށް ފުރަތަމަ ދެހަފްތާގައި އަގު ނުނަގާނެކަމަށެވެ. ކޮންމެ މީހަކަށްވެސް ހިލޭ ދަތުރުކުރެވޭނެކަމަށާއި، ނަމަވެސް އޭގެ ފަހުން އަގު ނެގުމަށް ނިންމާފައި ވީނަމަވެސް ނަގާނެ އަގެއް އަދި ކަނޑަނާޅާކަމަށް އާޒިމް ވިދާޅުވިއެވެ. ރާއްޖޭގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެމް.ޓީ.ސީ.ސީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭނެ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެމްޓީސީސީން ވިދާޅުވީ، އުންމީދަކީ ވިލިމާލޭގައި ބަހުގެ ހިދުމަތާއެކު ވިލިމާލޭގެ ރައްޔިތުނަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް އެމް.ޓީ.ސީ.ސީން ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ. އެކުންފުނިން ވަނީ 4 ހަފްތާ ވަންދެން ހިލޭ މި ޚިދުމަތް ފޯރުކޮށްދީފައެވެ. މި ޚިދުމަތް ވެފައިވަނީ އާންމުން ވަރަށް ބޮޑަށް ބަލައިގަތް ޚިދުމަތަކަށެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތުގައި ޖުމްލަ 18 ބަހެއް އެމް.ޓީ.ސީ.ސީން ދަނީ ބޭނުންކުރަމުންނެވެ.