ޚަބަރު

ބްރޯޑްކޮމްގެ ނާއިބު ރައީސަކަށް ފަޒީން


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުސްވެފައިވާ ނައިބު ރައީސް ކަމުގެ މަޤާމަށް މުޙައްމަދު ފަޒީން ހަމަޖައްސަވައިފިއެވެ. އެކޮމިޝަނުގެ ނާއިބު ރައީސްގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި އަޙްމަދު ޤައިސް މިމަހުގެ 9 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ފަޒީން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ 2021 ވަނަ އަހަރުގެ މާރިޗް މަހުގެ 7 ވަނަ ދުވަހުއެވެ. މުޙައްމަދު ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގެ މާރިޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީ.އެން.އެމް)ގެ ސީނިއަރ ޖަރނަލިސްޓެއްގެ ގޮތުގައެވެ.

އަދި، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އަދާކުރައްވަމުން ގެންދެވީ ރާއްޖެ ޓީވީގެ ސީނިއަރ ވީޑިއޯ ޖަރނަލިސްޓްގެ މަޤާމެވެ. ފަޒީނަކީ، ހޮޓެލް އޮޕަރޭޝަންސްގެ ދާއިރާއިން ވެސް ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޤައިސް އިސްތިއުފާ ދެއްވުމުން، ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މި މަޤާމަށް އެދި ފޯމު ހުށައެޅޭނީ މިމަހުގެ 22 އަދި 23 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށެވެ..