މުނިފޫހިފިލުވުން

ގާލާ ރައުންޑަށް ދަތުރުކުރާ 6 ބައިވެރިން މިރޭ އިޢުލާން ކުރަނީ


"މޯލްޑިވިއަން އައިޑަލް"ގެ ޕިއާނޯ ރައުންޑްގެ ދެވަނަ ޝޯވގައި ރޭ ލަވަ ހުށަހަޅައިދިން 8 ބައިވެރިންގެ ތެރެއިން ގާލާ ރައުންޑަށް ދަތުރުކުރާ ބައިވެރިން އިޢުލާންކުރުމަށް ބާއްވާ ޝޯވ މިރޭ ޓީ.ވީ.އެމުން ދައްކާނެއެވެ. މި ޝޯވ ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ. މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ ރައުންޑުން ގާލާ ރައުންޑަށް ދަތުރުކުރާ ގަދަ 12 ބައިވެރިން ހޮވާނީ ޖަޖުންގެ %50 އާއި، ބެލުންތެރިންގެ %50 ވޯޓާއެކުގައެވެ. ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ، މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ ރައުންޑުގައި ޖުމްލަ 16 ބައިވެރިންވާދަކުރެއެވެ. އެގޮތުން މި 16 ބައިވެރިންގެ ތެރެއިން ފުރަތަމަ 8 ބައިވެރިންނާއެކު ޕިއާނޯ ރައުންޑްގެ ފުރަތަމަ ޝޯވ މިދިޔަ ހަފުތާގައި ވަނީ ދައްކާފައެވެ. މިދިޔަ ހަފްތާގެ ޝޯވއިން ޖަޖުންގެ އެންމެ ގިނަ ވޯޓާއި، ބެލުންތެރިންގެ އެންމެ ގިނަ އެސް.އެމް.އެސް ލިބިގެން 6 ބައިވެރިއަކު ގާލާ ރައުންޑަށް ވަނީ ދަތުރުކޮށްފައެވެ. އަދި 2 ބައިވެރިއަކަށް ވަނީ ޝޯވއިން ވަކިވާން ޖެހިފައެވެ.   މޯލްޑިވިއަން އައިޑަލްގެ ކުރީގެ ޝޯވތަކުގައި ބައިވެރިން ކަނޑައަޅާފައިވަނީ ޝޯވގެ 3 ޖަޖުންނެވެ. ނަމަވެސް ޕިއާނޯ ރައުންޑާއެކު ބެލުންތެރިންވެސް އެސް.އެމް.އެސް މެދުވެރިކޮށް މި ޝޯވގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ގަދަ 16 ގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ރޭ ލަވަ ހުށަހަޅައިދިން 8 ބައިވެރިންނަށް އެސް.އެމް.އެސް މެދުވެރިކޮށް ވޯޓުލުމުގެ ފުރުޞަތު ރޭގެ ޝޯވ ދެއްކި ވަގުތުން ފެށިގެން މިއަދު ހެނދުނު 09:00 ހަމައަށް ވަނީ ހުޅުވާލާފައިވެއެވެ. އަދި ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި ވޯޓު ގުނުން ކުރިއަށް ދަނީ ރަނގަޅަށްތޯ ބެލުމަށް އޮޑިޓް ފާމަކަށް ވަނީ ޙަވާލުކޮށްފައެވެ. މިރޭ ދައްކާ ޕިއާނޯ ރައުންޑްގެ އެލިމިނޭޝް ޝޯވގައި ރޭ ލަވަ ހުށަހަޅައިދިން 8 ބައިވެރިންގެ ތެރެއިން ޖަޖުންނާއި ބެލުންތެރިންގެ އެންމެ ގިނަ ވޯޓާއެކު މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑަށް ދަތުރުކުރާ 12 ބައިވެރިންގެ ތެރެއިން ބާކީ ތިބި 6 ބައިވެރިން އިޢުލާން ކުރާނެއެވެ. އަދި އެންމެ މަދުން ވޯޓު ލިބިގެން، މި ޝޯވއިން ވަކިވެގެންދަނީ ކޮން 2 ބައިވެރިންނެއްކަންވެސް އެނގިގެންދާނެއެވެ. މިރޭގެ ޝޯވގައިވެސް ބައިވެރިން ލަވަ ހުށައަޅައިދިނުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ހުށައެޅުމަށް ޖަޖުން އަދި ބެލުންތެރިން ވޯޓެއް ނުދޭނެއެވެ.މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް އެޗް.ޑީކޮށް ޢާއްމުންނަށް ފެންނާނެ އިންތިޒާމް ޕީއެސްއެމުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި ޓީވީއެމްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް މި ޝޯވ ބަލާލުމުގެ ފުރުޞަތު ލިބޭނެއެވެ.