ޚަބަރު

އިންޑޮނޭޝިއާ ކައިރިއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ


އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އިންޑޮނޭޝިއާއާއި މޮލުއްކަސް ސަރަހައްދަށް 7.1 މެގްނިޓިއުޑުގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައިވާކަމަށެވެ. އެ ބިންހެލުން އައީ ރާއްޖެއާއި 5948 ކިލޯމީޓަރު ދުރަށްކަމަށް މުސުމާއި ބެހޭ އިދާރާއިން ވިދާޅުވިއެވެ. މި ބިން ހެލުން އެ ޤައުމަށް އައިސްފައިވަނީ މިއަދު ހެނދުނު 11:06 ހާއިރުގައެވެ. އަދި ބިން ހެލުން އައީ ކަނޑުގެ 68 ކިލޯ މީޓަރުގެ އަޑިންކަމަށްވެސްއެ އޮފީހުން ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބިން ހެލުންތަކުގެ އަސަރު ރާއްޖެއަށް ކުރަނީ އިންޑޮނޭޝިއާގެ ހުޅަނގު ފަޅިން އަންނަ ބިން ހެލުންތަކުންކަމަށެވެ. އަދި މިފަހަރުވެސް އެ ޤައުމަށް ބިން ހެލުން އައިސްފައިވަނީ އެ ޤައުމުގެ އިރުމަތީ ފަރާތުންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ދޭތެރެ ދޭތެރެއިން އިންޑޮނޭޝިއާއަށް ބިންހެލުމުގެ އަސަރު އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް މިގޮތަށް އަންނަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިނުވެއެވެ. މި ގޮތަށް އައި ބިން ހެލުމުގެ އަސަރު ރާއްޖެއަށްކޮށް ސުނާމީއެއް ރާއްޖެއަށާއި، މި ސަރަހައްދުގެ ޤައުމުތަކަށް އައިސްފައިވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެފަހަރު ރާއްޖޭގެ އިތުރަށް ދުނިޔޭގެ ގިނަ ޤައުމުތަކަށް އެކި އަސަރުކޮށް އެތަކެއް ބައެއް ވަނީ މަރުވެފައެވެ.