ޚަބަރު

ކޯވިޑަށްފަހު ރާއްޖެ އައި ޗައިނާގެ ފުރަތަމަ ފްލައިޓުން 198 ފަތުރުވެރިން


ކޯވިޑަށްފަހު ޗައިނާއާއި ރާއްޖެއާ ދެމެދު އަލުން ދަތުރުތައް ފަށައިފިއެވެ. އެގޮތުން މިއަދު ރާއްޖެއައި ޗައިނާގެ ބެއިޖިންގ ކެޕިޓަލް އެއަރލައިނުން 198 ފަތުރުވެރިންވަނީ އައިސްފައެވެ.

ޗައިނާއަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ޗައިނާގައި ދަތުރުކުރުމަށް އެޅި ފިޔަވަޅުތަކާއެކު މިވީ 3 އަހަރު ތެރޭގައި ރާއްޖެއަށް ޗައިނާއިން އެއްވެސް ވަރަކަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.

އެހެންނަމަވެސް، ޗައިނާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއި ގުޅިގެން ޗައިނާގެ ގިނަ ބަޔަކުވަނީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުތައް ކުރަން ފަށާފައެވެ. އެގޮތުން، ރާއްޖެއަކީ ޗައިނާގެ ރައްޔިތުން އެންމެ ޒިޔާރަތްކުރަން ބޭނުންވެފައިވާ މަންޒިލްކަމަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން އެންމެ ފުރަތަމަ ރާއްޖެއަށް އައިސްފައިވަނީ ބެއިޖިންގ ކެޕިޓަލް އެއަރލައިން އިންނެވެ. މި ދަތުރުތައް ކުރާނީ ބެއިޖިންގ ޑެކްސިން އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މިއެއަރލައިން އިން މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާއިރު، ހަފްތާއަކު 4 ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ 306 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.

ބެއިޖިންގ ކެޕިޓަލް އެއަރލައިން ރާއްޖެއަށް އައުމާއި ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މިހަރަކާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުޞޫމް އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތައްޔިބު މުހައްމަދުގެ އިތުރުން ކަމާއި ބެހޭ އިދާރާތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބެއިޖިންގ ކެޕިޓަލް އެއަރލައިންގެ އިތުރުން، ޗައިނާގެ އިތުރު 2 އެއަރލައިނަކުން ރާއްޖެއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޗައިނާ އީސްޓަން އެއަރލައިން އާއި ހޮންގްކޮންގ އެއަރލައިންއެވެ.

ޗައިނާ އީސްޓަން އެއަރލައިނުން ދަތުރުތައް ކުރާނީ މިޖެނުއަރީ މަހުގެ 28 އިން މާރޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުތައް ކުރާނީ ޝަންހާއީ ޕުޑޮންގ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތަކުގައި އެ އެއެއަރލައިނުން ބޭނުންކުރާނީ 232 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ. މި އެއަރލައިނުން ހަފްތާއަކު 1 ދަތުރުކުރާނެއެވެ.

މިމަހު ހޮންގކޮންގ އެއަރލައިނުން ރާއްޖެއަށް ދަތުރުފަށާއިރު މިދަތުރުތަައް ކުރާނީ މާރޗް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއަރލައިނުން ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރާނީ ހޮންގކޮންގ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ 292 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.

ކޯވިޑް19 ގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284029 ފަތުރުވެރިން އައިސް އެ ޤައުމު ހިމެނެނީ އެ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. ނަމަވެސް ކޯވިޑް19 އާއިއެކު އެ ޤައުމުގައި ދަތުރުފަތުރުކުރުމަށް އެޅި ފިޔަވަޅުތަކާއި ހެދި މިވީ 3 އަހަރުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.

ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި އޮންލައިން ޓްރެވަލް އެޖެންޓުކަމުގެ ޚިދުމަތްދޭ، ސީ-ޓްރިޕުން، ޗައިނާ އައުޓްބައުންޑު ޓޫރިޒަމް ރިސަރޗު އިންސްޓިޓިއުޓް އާއި ގުޅިގެން މިއަހަރު ވަނީ ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލްތައް ހިމަނައިގެން ރިޕޯޓެއް ނެރެފައެވެ. ޗައިނީސް ހައި- އެންޑު އައުޓްބައުންޑް ކަސްޓަމައިޒްޑު ޓްރެވަލް ރިޕޯޓުގައިވާގޮތުން ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ މެދުގައި 4 ވަނަ އަށް އެންމެ މަޤްބޫލް މަންޒިލެވެ.