އިދިކޮޅު ކޯލިޝަންގެ ލީޑަރ އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެޕްމެއިން ރަސްމީކޮށް ފެށުމަށް ހާއްސަ ކޮންފަރެންސެއް ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ނަންގަވާއި އެ ފައިސާ ލޯންޑަރކުރި ކުށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވެ، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެތެރޭގައެވެ. މި ހުކުމުގެ ސަބަބުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެެއްވުމުގެ ފުރުސަތު ޔާމީނަށް ވަނީ ހަނިވެފައެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހިނާ ވަލީދު ވިދާޅުވީ އެޕާޓީން ރިޔާސީ ކެމްޕެއިން ފެށުމަށް ބާއްވާ ކޮންފަރެންސް އޮންނާނީ އަންނަމަހުގެ 2 އިން 4 ކަމަށެވެ. މި ކޮންފަރެންސްގައި އެ ކޯލިޝަންގެ ލީޑަރ ޝިޕާއި މަޖިލިސް މެމްބަރުންނާއި ސެނެޓްގެ މެމްބަރުންނާއި ދާއިރާތަކުން މެމްބަރުން ބައިވެރިވާނެކަމަށް ހިނާ ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިޙާބުގައި ޕީޕީއެމް ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަަށް ވާދަނުކުރެވޭނެ އެއްވެސް ހާލަތެއް ނެތްކަމަށް އެޕާޓިން އަންނަނީ ބުނަމުންނެވެ. އަދި ޔާމީންނަށް ވާދަނުކުރެވޭ އިންތިޙާބެއް ޤަބޫލުނުކުރާނެކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓްމެބަރު މަހުގެ 9 ވަނަދުވަހުކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. އަދި އިންތިޚާބަށް ނަން ހުށައެޅުމުގެ ފުރުސަތު ޖުލައި 23ގައި ހުޅުވާލާނެަންވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.