ޚަބަރު

މިއަހަރުގެ މެރިން އެކްސްޕޯ މާޗު މަހު، ގިނަ ސްލޮޓްތައް ވިކިފައި


ރާއްޖޭގެ ބޯޓިން ސިނާއަތަށް ހާއްސަކޮށްގެން ބާއްވާ "މޯލްޑިވްސް މެރިން އެކްސްޕޯ" މިއަހަރުގެ މާރިޗް މަހުގައި ބާއްވަން ހަމަޖެހިފައިވާކަމަށް އެކްސްޕޯގެ އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފިއެވެ. މިއީ މިއެކްސްޕޯގެ 8 ވަނަ އެޑިޝަންއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއެކްސްޕޯގައި ބޯޓް ބިލްޑަރުން، މާލީ އަދި އިންޝުއަރެންސް ވިޔަފާރިތައް، ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި މެރިން ފުޑްސް ސަޕްލަޔަރުން، ފަދަ އިދާރާތަކުން ބައިވެރިވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މެރިން އެކްސްޕޯގެ އިވެންޓް މެނޭޖަރ ޝާމް މުހައްމަދު ވިދާޅުވީ މިއަހަރުގެ މެރިން އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ މާރިޗް މަހުގެ 15 އިން 18އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައިކަމަށެވެ.

ޝާމް ވިދާޅުވީ މިއެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބޯޓިން އިންޑްސްޓްރީގެ ހުރިހާ ސްޓޭކް ހޯލްޑަރުންނާއި އެއްތަނަކުން ބައްދަލުވެ، އެސިނާޢަތުގެ ވިޔަފާރި އިތުރަށް މާކެޓްކުރެވޭނެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ.

ޝާމް ވިދާޅުވީ ކޮންމެ އަހަރެއްގެވެސް އެކްސްޕޯގައި އިތުރުކަންކަމާއި އައު ކަންކަން ހިމަނަން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން، މިފަހަރުގެ އެކްސްޕޯގައި ޑައިވިން ދާއިރާއަށް ޚާއްސަ އިސްކަމެއްދީފާވާކަމަށް ޝާމް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ޑައިވިން އިންޑަސްޓްރީ މިހާރު ވަރަށް ކުރިއަރައިފި. ވަރަށް ގިނަ ދިވެހި ޒުވާނުން ބައިވެރިވުން އެބައޮތް މިދާއިރާގައި. އެހެންކަމުން، އޭޝިއަން ޑައިވިން އެކްސްޕޯ ކުރިއަށް މިގެންދަނީ މެރިން އެކްސްޕޯގައި. މިއީ ޑައިވިން ދާއިރާގެ އެންމެ ބޮޑު އެއް އެކްސްޕޯ" ޝާމް ވިދާޅުވިއެވެ.

ޝާމް ވިދާޅުވީ މިޑައިވިން އެކްސްޕޯއަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުންވެސް ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށެވެ. ޚާއްސަކޮށް ސިންގަޕޫރުގެ ޑައިވިން ދައިރާގެ ފަރާތްތަކުން މިއެކްސްޕޯއަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަން ޝާމް ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޑައިވިން ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތައްވެސް މިއެކްސްޕޯގައި ހަރަކާތްތެރިވާނެކަމަށް ޝާމް ވިދާޅުވިއެވެ.

ޝާމް ވިދާޅުވީ މިއަހަރުގެ މެރިން އެކްސްޕޯއަށް ދިނަ އަދަދެއްގެ މީހުން ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށެވެ. އެގޮތުން، މެރިން އެކްސްޕޯގެ ގިނަ ސްލޮޓްތައް މިހާރުވެސް ވިކިފައިވާކަމަށް ޝާމް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އަދިވެސް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކްސްޕޯގައި ހަރަކާތްތެރިވުމުގެ ފުރުސަތު އޮތްކަމަށް ޝާމް ވިދާޅުވިއެވެ.

ޝާމް ވިދާޅުވީ މިއަހަރުގެ މެރިން އެކްސްޕޯގައި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ކުރިއަށް ގެނދިއުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. މި އެކްސްޕޯގައި، މެރިން އިންޑަސްޓްރީގެ އެކި ކަންކަމާއިގުޅޭ ސެމިނަރތައްވެސް މިއަހަރު ކުރިއަށްދާނެއެވެ. މިއެކްސްޕޯ ކުރިއަށްދަނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 15:30 އިން ރޭގަނޑު 23:00އަށެވެ.

މިއަހަރުގެ މެރިން އެކްސްޕޯގައި ދަ ހޯކްސްއިން ފިއުލް ޕާޓްނރެއްގެ ގޮތުގައި ބައިވެރިވާއިރު، އެކުންފުނިންވެސް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދަ ހޯކްސް ކުންފުނިންދޭ ހުރިހާ ޚިދުމަތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ޚާއްސަ ސްޓޯލެއް މިއަހަރުގެ މެރިން އެކްސްޕޯގައި ހުންނޭނެކަމަށް އެކުންފުނިން ބުނެއެވެ.