ވިޔަފާރި

ރާއްޖެއަށް އިތުރު ޝަރަފެއް، ކޮމަންވެލްތު އިންވެސްޓްމަންޓް ކައުންސިލަށް ޖަނާޙް!


ކޮމަންވެލްތުގެ އިންވެސްޓްމަންޓް އެޑްވައިޒަރީ ކައުންސިލްގެ ބޯޑަށް ދިވެހިރާއްޖޭގެ ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާހު ހަމަޖައްސައިފިއެވެ. މިއީ ކޮމަންވެލްތްގެ ވިޔަފާރިވެރިން ހިމެނޭ ބޯޑެވެ. އަދި މިއީ މި ކޮމަންވެލްތުގެ އިންވެސްޓްމަންޓް އެޑްވައިޒަރީ ކައުންސިލްގެ ބޯޑަށް ދިވެއްސަކު ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރެވެ.

ޖަނާހްއަކީ ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން ގެ ޗެއާމަންއެވެ. އަދި އޭނާއަކީ ރާއްޖޭގެ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މިހާރުގެ ރައީސްވެސްމެއެވެ. ޖަނާހު ވަނީ އިފޮޕްކާގެ ރައީސްކަންވެސް ކުރައްވާފައެވެ. އަދި އޭނާއަކީ ރާއްޖޭގައި ހުންނަވާ ހަންގޭރީގެ އޮނަރަރީ ކޮންސަލް އެވެ.


އެ ކައުންސިލަށް ޖަނާހް ހޮވިފައިވަނީ ވިޔަފާރީގެ ދާއިރާއިން އޭނާގެ ތަޖުރިބާއަށް ބެއްލެވުމަށްފަހުއެވެ. އެގޮތުން ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް އޭނާ ކުރައްވާފައިވާ މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑަށް ބަލާފައެވެ.

ޖަނާއަކީ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ވިޔަފާރީގެ އެކި ދާއިރާގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ވިޔަފާރިވެރި އެކެވެ.


ކޮމަންވެލްތުގެ އެޑްވައިޒަރީ ކައުންސިލްގެ ބޯޑަށް ޖަނާހް ހޮވުމާއި ގުޅިގެން މަސީން ބުނެފައިވަނީ މިއީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.

މަސީން ބުނީ މީގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އޭގެތެރޭގައި މި ކައުންސިލްގައި ހިމެނޭ ދުނިޔޭގެ އެހެން ޤައުމުތަކަށް ރާއްޖެ ދަސްވުމުގެ އިތުރުން ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި އިންވެސްޓްމަންޓް ފުރުސަތުތައްތައް އެހެން ޤައުމުތަކަށް ލިބި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތަކެއް ރާއްޖެއަށް ލިބިގެންދާނެކަމަށެވެ.