ޚަބަރު

ފަންނުވެރިންގެ އެދުމާއެކު އާޓް ގެލެރީ ކުއްޔަށް ދޫކުރަނީ


ނޭޝަނަލް އާޓް ގެލެރީގައި އެކި ޙަރަކާތްތައް ހިންގުމުގެ އުސޫލުގެ ދަށުން އާޓް ގެލެރީ ކުއްޔަށް ދޫކުރަން ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސްއިން ނިންމައިފިއެވެ.

އެންސީއޭއިން ޢާއްމުކުރި ޢިއުލާނެއްގައިވަނީ އާޓް ގެލެރީގައި އިވެންޓުތައް ބޭއްވުމަށް ކުއްޔަށް ދޫކުރުމަށް މިމަހުގެ 15އިން ފެށިގެން ހުޅުވާލާފައިވާކަމަށެވެ. އެންސީއޭއިން މިގޮތަށް ހާމަކޮށްފައިމިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާޓް ގެލެރީ ބަންދުކޮށްފައި ހުރުމުގެ ސަބަބުން ދިވެހި ފަންނުވެރިންގެ ކަންބޮޑުވުން އެކަމުގައި ފާޅުކޮށްފައިވަނިކޮށެވެ. އާޓް ގެލެރީ ބަންދުކޮށްފައިވަނީ އެތަނުގެ މަރާމާތުތަކެއް ކުރަންޖެހުމާއި ގުޅިގެންނެވެ.

އާޓް ގެލެރީގައި އިވެންޓުތައް ބޭއްވުމަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާއިރު އެތަނުގައި ޙަރަކާތްތައް އިންތިޒާމުކުރުމުގެ އުސޫލުގެ ދަށުން ދިވެހި ފަންނުވެރިން ނުވަތަ އެފަދަ ފަރާތްތައް ތަމްސީލުކުރާ ޖަމުޢިއްޔާއަކުން މަޢުރަޒެއް ނުވަތަ ޙަރަކާތެއް ހިންގުމަށް ފައިސާ ދައްކަން ނުޖެހޭނެއެވެ. އެހެންނަމަވެސް އާޓް ގެލެރީގައި ބާއްވާ މަޢުރަޒަކަށް ނުވަތަ އެހެންވެސް ޙަރަކާތެއް ބަލާލުމަށް ނުވަތަ ބައިވެރިވުމަށް ފީއެއް ނަގާނަމަ އެކަނޑައަޅާ ފީއެއްގެ 15 އިންސައްތަ އެޙަރަކާތެއް ނިމޭތާ 7 ދުވަހުގެ ތެރޭގައި އެންސީއޭއަށް ދައްކަން ޖެހޭނެއެވެ. އަދި އާޓް ގެލެރީގައި ބާއްވާ ޙަރަކާތުގައި އެއްޗެއް ވިއްކާނަމަ ނުވަތަ އަގު ނަގާނަމަ އެއަގުގެ 15 އިންސައްތަވެސް އެޙަރަކާތެއް ނިމޭތާ 7 ދުވަހުގެ ތެރޭގައި އެންސީއޭއަށް ދައްކަން ޖެހޭނެކަމަށްވަނީ ބަޔާންކޮށްފައެވެ.


އާޓް ގެލެރީ ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމު އެންސީއޭއަށް ހުށައެޅުމުން ކަނޑައެޅިފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމާއި ޚިލާފު ނުވާނަމަ އެފުރުސަތު އޮންނާނެ ކަމަށްވަނީ ބަޔާންކޮށްފައެވެ.

އާޓް ގެލެރީއަކީ ފަންނާނުންގެ އެކި ހުނަރު ދައްކާލުމަށް އެކި ދުވަސްވަރު ގިނަ ޙަރަކާތްތައް ބާއްވަމުން އަންނަ ތަނެކެވެ. އެހެންކަމުން އާޓް ގެލެރީވެފައިވަނީ ފަންނާނުންގެ މެދުގައި މަޤުބޫލު އަދި ފަންނުވެރިކަމަށް ލޯބިކުރާ ހުރިހާ މީހުންނަށްވެސް އެކި މީހުންގެ ހުނަރުތައް ބަލާލުމުގެ ފުރުސަތު އެއްތަނަކުން ފެންނަ ތަނަކަށެވެ. މިތަނުގައި ފަންނުވެރިންގެ ހުނަރު ދައްކާލުމުގެ އިތުރުން ވިޔަފާރި އުސޫލުން އިވެންޓުތައް ބޭއްވުމާއި ސަރުކާރުގެ އެކި މިނިސްޓްރީތަކުން ބާއްވާ އިވެންޓުތަކާއި ޙަފްލާތައް ބޭއްވުމުގެ ފުރުސަތުވެސް އާޓް ގެލެރީގެ އުސޫލުގެ ދަށުން ލިބިދެއެވެ.