ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީއަށް ދެން އެދެވޭނީ ޕޯޓަލް މެދުވެރިކޮށް


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ މާލީ އެހީއަށް ދެން އެދެވޭނީ "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީގެ" ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރައްވައިފިއެވެ. އެންސްޕާއިން މިގޮތަށް ބަދަލުގެނެސްފައިވަނީ މިއަދުއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދައުލަތުން އަންނަނީ ފޯރުކޮށް ދެމުންނެވެ. މިފަދަ ފަރާތްތަކަށް ދޭންޖެހޭ މާލީ އެހީތެރިކަން ދިނުމަށް ކުރިމަތިވަމުންދިޔަ ދަތިތައް ނައްތާލުމަށް ސަރުކާރުންވަނީ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް މިމަހުވަނީ އެކުލަވާލާފައެވެ. މިދަފްތަރުގައި މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ދިހަހާހަށްވުރެ ގިނަ މީހުންވަނީ ރަޖިސްޓްރީވެފައެވެ. އެހެންނަމަވެސް އަތޮޅުތެރޭގައި ތިބި ފަރާތްތަކުގެ ތެރެއިން އަދިވެސް ގިނަ ބަޔަކު މިދަފްތަރުގައި ނުހިމެނޭތީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން މިފަދަ މީހުން ދަފްތަރުގައި ހިމެނުމުގެ މަސައްކަތް އެންސްޕާއިން މިހާރު އަންނަނީ ކުރަމުންނެވެ.

އެންސްޕާއިން މިހާރުވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކުރާ މާލީ އެހީއަށް އެދި ހުށައަޅަންޖެހޭ ގޮތަށްވެސް ބަދަލު ގެނެސްފައެވެ. އެގޮތުން ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެފަދަ ފަރާތްތަކުން މާލީ އެހީތެރިކަމަށް އެދި ހުށައަޅަންޖެހެނީ "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ" ނުވަތަ އެންޑީއާރްގެ ޑިޖިޓަލް ޕޯޓަލް ndr.nspa.gov.mv މެދުވެރިކޮށެވެ. މިކަމުގެ ސަބަބުން އެހީއަށް އެދޭ ހުރިހާ ފަރާތެއްގެ ކަންކަން ޤައުމީ ދަފްތަރު މެދުވެރިކޮށް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެންސްޕާ އިން ވިދާޅުވެއެވެ.

އެންސްޕާއިން ވިދާޅުވީ މިޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެގެން މާލީ އެހީއަށް އެދޭ ފަރާތްތަކަށްވެސް މިހާރެކޭ އެއް އުސޫލުން ރަޖިސްޓްރީވާ މަހުން ފެށިގެން އެލަވަންސް ޖަމާކޮށްދެމުންގެންދާނެކަމަށެވެ. އަދި ދަފްތަރު މިމަހު ވުޖޫދުވީ ނަމަވެސް މިދަފްތަރުގައި މިވަގުތުވެސް ދިހަހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާކަމަށާއި، އެއިން އެއްވެސް ފަރާތަކަށް ލިބެމުންދާ އެހީ މެދުކެނޑިގެން ނުދާނެކަމަށްވެސް އެންސްޕާއިން ވިދާޅުވެއެވެ. މީގެއިތުރުން މީގެކުރިން ދަފްތަރުގައި ތިބި މީހުންގެ މަޢުލޫމާތު ދަފްތަރުގައި އަދާހަމަކޮށް އިތުރަށް ބޭނުންވާ މަޢުލޫމާތު ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެންސްޕާއިން ވިދާޅުވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި އަދި މާލީ އެހީއަށް މިފަރާތްތަކުން އެދުމުގެ ކަންކަމަށް ގެނެވުނު ބަދަލާ ގުޅިގެން މަޢުލޫމާތެއް އޮޅުން ފިލުވަން ނުވަތަ ފޯމު ފުރުމުގައިވެސް އެހީތެރިކަން ބޭނުންވާނަމަ އެންސްޕާގެ ހޮޓްލައިން 1402 މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށް އެންސްޕާއިން ވިދާޅުވެއެވެ. އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0800 އިން މެންދުރުފަހު 0200 އަށް ގުޅުމުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރެއް އެކުލަވާލާ އިފްތިތާޙްކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. މިދަފްތަރުގައި މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 10701 މީހަކު ރަޖިސްޓްރީވެފައިވާ ކަމަށް އެންސްޕާއިން ވިދާޅުވެއެވެ. ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް މިހާރުވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށްގެން އެހީދިނުމުގެ މަސައްކަތް ކުރަމުންނެވެ.