ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މެންދުރުގެ ރަސްމީ ފަރިއްކޮޅެއް ދެއްވައިފިއެވެ.
މި ފަރިއްކޮޅު އޮތީ މިއަދު މެންދުރުފަހު އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށީގައެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ރަސްމީ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާއާ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންނާއި ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި މިއަދު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދު ކުރިއަށްގެންދިޔަ ރަސްމީ މަޝްވަރާތަކުގައިވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި އެކިދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން އަކީ ރާއްޖެއަށް ޒިޔާރަތްކުރެއްވި ކެމްބޯޑިއާގެ ފުރަތަމަ ބޮޑުވަޒީރެވެ.